އަތޮޅުތެރެއަށް އިތުރު 15 ޕީސީއާރް މެޝިން ފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި މެޝިންތައް އަތޮޅު ތެރެއަށް ފޮނުވޭނެ ކަމަށެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި އުމުރުން އެންމެ ހަގުކުއްޖާ ކަމުގައިވާ މިޝްކާއަށް އަވަސް ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލު ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަަރ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމުގައި، އަތޮޅުތެރޭގެ ކޭސްތައް އިތުރުވަމުން އަންނާތީ، ޓެސްޓް ހެދޭނެ އިންތިޒާމްތައް ބައެއް ހިސާބުތަކުގައި ނެތް ކަމަށް ދެންނެވުމުން މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި، އަތޮޅު ތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މި މެޝިން ތަކަކީ، 8 ގަޑި އިރުގެ ތެރޭގައި 80 ސާމްޕަލް ރަން ކުރެވޭ މެޝިން ތަކެއް ކަމަށާއި އަންނަ މަހުގެ ތެރޭގައިވެސް 5 ޕީސީއާރް މެޝިން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގައި ކޮވިޑް ބަލި އިތުރުވުމުގެ މައިގަނު ސަބަބަކީ ގައިޑްލައިންތަކަށް އަމަލު ނުކުރުން ކަމަށާއި އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބޭކަމަށެވެ.