ކޮންމެ މަދަރުސާއެއްގެވެސް އެންމެ އިސް މަގުސަދަކަށް ވާންވާނީ ދަރިވަރުންނަށް އިލްމާހިލްމު އެކުލެވިގެންވާ ވަރުގަދަ ބިންގަލެއް އަޅައިދިނުން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑެޕިއުޓީ މޭޔަރު މިހެން ވިދާޅުވީ އަފީފުއްދީން ސްކޫލުގެ 17 ވަނަ އަހަރީދުވަހާއި ގުޅިގެން އެސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަފީފުއްދީން ސްކޫލުގެ ދަރިވަރުން ބައިނަލްއަގުވާމީ ވަނަތަކެއް ހާސިލްކޮށްފައިވާކަން ފާހަގަ ކުރައްވާ ޑެޕުއުޓީ މޭޔަރު ވިދާޅުވީ ކޮންމެ މަދަރުސާއެއްގެވެސް އެންމެ އިސް މަގުސަދަކަށް ވާންވާނީ ދަރިވަރުންނަށް އިލްމާހިލްމު އެކުލެވިގެންވާ ވަރުގަދަ ބިންގަލެއް އަޅައިދިނުން ކަމަށެވެ. ބިންގާ ވެގެންދާނީ ދިރިއުޅުމުގައި ކޮންމެ ކުއްޖެއްގެ ކާމިޔާބީއަށް ދަތުރު ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅަށް ކަމަށެވެ.
ދަރިވަރުންގެ ހަގީގީ ކާމިޔާބީއަކީ އަމަލީ މައިދާނުގައި އެކި އެކި މާހައުލު ތަކުގައި މަސައްކަތް ކުރުމުގެ ގާބިލްކަމާއި ހުނަރުވެރިކަން ސާބިތުކޮށްދެވުން ކަމަށް އަލީ ވިދާޅުވި އެވެ.
ޑެޕިއުޓީ މޭޔަރުގެ ވާހަކާގައި ފާހަގަ ކުރެއްވި ގޮތުގައި 2004 ވަނަ އަހަރު 534 ދަރިވަރުންނާއެކު ޕްރައިމަރީ ތައުލީމަށް ހާއްސަ ކުރެވިގެން ހުޅުވި ސްކޫލެއް ނަމަވެސް މިއަދު ހާހެއްހާ ދަރިވަރުންނަށް ފައުންޑޭޝަން ސްޓޭޖުން ފެށުގެން ސާނަވީ ތައުލީމާއި ހަމައަށް ފުރުސަތު ތަނަވަސްވެގެން ގޮސްފައިވަނީ އެތައް ބައެއްގެ މިންނެއް މަސައްކަތާއި ގުރުބާނިން ކަމަށެވެ.
ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ހިއްސާކުރެއްވި ޝުއޫރެއް ފާހަގަ ކުރައްވާ ޑެޕިއުޓީ މޭޔަރު ވިދާޅުވީ ދަރިވަރުގެ ރައްކާތެރިކަމަށް މަދަރުސާގެ އިންފްރާސްޓްރަކްޗަރ ބަދަލުގެނައުން ވެގެންދިޔައީ އެފަދަ ދަރިވަރުންގެ މާޔޫސްވެފައިވާ ބެލެނިވެރިންނަށް އުންމީދުގެ ހުޅުކޮޅު ދިއްލާލަ ދިން ކަމަކަށް ކަމަށެވެ.
މީގެ އިތުރުން މިދިޔަ އަހަރު އަފީފުއްދީން ސްކޫލުގައި ގާއިމް ކުރި އިންކުލޫސިވް އެޑިއުކޭޝަން ސަޕޯރޓް ޔުނިޓާއި އެކު ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިއަށްވުރެއް ފައްސޭހަވެ ލުއިފައްސޭހަ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ޖެނެރަޝެނަލް ގެޕްގެ ސަބަބުން ދަރިވަރުންނަށް މަގު ދައްކައިދިނުމުގައި ބައެއް ބެލެނިވެރިންނަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ކެރިއަރ ގައިޑަންސް މެދުވެރިކޮށް ހައްލު ހޯދައި ދިނުމުގެ މުހިންމުކަމެއް ކަމަށާއި މި ފަދަ ޕްރޮގުރާމު ތަކުން ކޮންމެ ގިންތިއެއްގެ ދަރިވަރަކަށްވެސް އެކަށޭނަ މަގު ދެއްކެން ޖެހޭނެ ކަމަށް އަލީ ފާހަގަ ކުރެއްވި އެވެ.
އަލީ ވިދާޅުވީ މިފަދަ ޕްރޮގުރާމްތައް ރާވާ ހިންގަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި މިފަދަ ކަންކަމުގައި އޭނާ އަމިއްލަ ހައިސިއްޔަތުންވެސް ކޮށްދެވެން ހުރި ކަމެއް ކޮށްދޭން ތައްޔާރަށް ހުރި ކަމަށެވެ.
އޭނާ ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ހަޔާތް ނިންމާލުމަށް ފަހުގައިވެސް މަދަރުސާގެ ދައުރެއް އޮތުން މުހިންމު ކަމުގައި ދެކޭ ކަމަށާއި ތަރައްގީވެފައިވާ ގައުމުތަކުގައި ދަރިވަރުން މޮނީޓަރ ކުރެވޭ ކަމަށެވެ. މިފަދައިން މިކަން މޮނީޓަރ ކުރެވޭ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމުގައި އަލީ ވިދާޅުވި އެވެ.
މި ގޮތަށް ތަރުތީބު ވެއްޖެ ނަމަ ދަރިވަރުން މަދަރުސާ ނިމުނު ކަމުގައިވީ ނަމަވެސް މަގުދައްކައިދެވޭނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން ޒުވާނުން ކަސިޔާރު މަގުން ދިއުމުގެ މަގު ހަނިވާނެ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.