ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު އެ މަގާމުންނާއި ކައުންސިލް މެންބަރުގެ މަގާމު އިސްތިއުފާދެއްވައިފި އެވެ.
އިސްތިއުފާ ދެއްވައި އަލީ ފޮނުވި ސިޓީގައި ވިދާޅުވީ، އޭނާ މިވަގުތު ހުންނެވީ އިނގިރޭސި ސަރުކާރުން ދެއްވާ ޝީވްނިންގ ސްކޮލަރޝިޕް ލިބި، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި "އެންވަޔަމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް" އިން މާސްޓާޒް ޑިގްރީއަށް ކިޔެވުމުގެ އަޒުމުގައި އެ ގައުމުގައި ކަމަށެވެ.
އެހެންވުމުން އޭނާ މިވަގުތު އަދާކުރައްވަމުންގެންދެވި ކުޅުދުއްފުށި ސިޓީ އިރުދެކުނު ދާއިރާގެ ކައުންސިލަރުކަމުންނާއި، ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑު މިއަދު މިހުރެވުނު ހިސާބަށް އާދެވިފައިމިވަނީ މިދައުރުގައި ދަސްވި ފިލާވަޅުތަކުންކަން ޔާގީންވާހާލު، ޖުމްލަ ކޮށް މިދަތުރުގައި އަޅުގަނޑާއެކު ބައިވެރިވި ހުރިހާ ފަރާތްތަކެއް ޝާމިލްވާނެހެން މުޅި ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށް ލޯތްބާއެކު ޝުކުރުދަންނަވަމެވެ." އިސްތިއުފާގެ ސިޓީގައި އަލީ ވިދާޅުވެފައިވެ އެވެ.
އަލީ ވިދާޅުވީ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެކުލަވާލެވުނު 5 އަހަރުގެ ތަރައްޤީގެ ޕްލޭން ދާދި އެއްކޮށް ތަންފީޒުވެގެން ގޮސްފައިވާއިރު، ތަރައްޤީގެ ޕްލޭންގައި ހިމެނިފައި ނެތްނަމަވެސް އިތުރަށް ފާހަގަކުރެވުނު މުހިންމު ކަންތައްތަކެއް ހާސިލްކުރުމުގެ މަސައްކަތުގައި ކައުންސިލާއެކު ބައިވެރިވެވި، އަދި ގިނަ މަސައްކަތްތަކެއް ވިލަރެސްކުރުމުގައި އިސްރޯލެއް އަދާކުރެވިފަވާތީ އެއީ މަޤާމުން ވަކިވެގެންދާއިރު ހިތަށް ލިބޭ ފިނިކަމެއް ކަމަކާއި އުފާވެރި އަދ ހިތްހަމަ ޖެހުމެއް ކަމަށެވެ.
.
އަދި މި މަގާމުން މިއަދު ވަކިވީ ނަމަވެސް ކުޅުދުއްފުއްޓަށް ޚިދުމަތްކުރުމުގައި ކުރިއަށް އޮތްތާވެސް ފެންނާނެކަމުގެ ޔަޤީންކަން އޭނާ ދެއްވި އެވެ.
"އަޅުގަނޑުގެ ނަސޭހަތަކީ އެންމެހާ ރައްޔިތުންވެސް، ހުރިހާ ދަރިވަރުންވެސް އަބަދުމެ ނަފްސު ތަރައްޤީކުރުމުގައި ދެމިތިބެ، ފުރުސަތުތައް ހޯދައި ލިބިގަނެ ބޭނުންހިފާ ބަޔަކަށްވުމެވެ." އަލީ ވިދާޅުވި އެވެ.
އަލީ ފާހަގަކުރެވުނީ ތައުލީމީ ހިންގުންތެރި، ރައްޔިތުންނާއި ގުޅިގެން ތަރައްގީއަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި އެވެ. ސިޓީ ކައުންސިލްގެ މިދައުރު މިދެކޭ ތަރައްގީގެ އެންމެ މުހިންމު އެއް ބޭފުޅަކީ އަލީ އެވެ.
އަލީ މީގެ ކުރިންވެސް މަތީ ތައުލީމު ހާސިލްކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އެގޮތުން އޭނާ ވަނީ އިނގިރޭސި ވިލާތުގެ އަންގްލިއާ ރަސްކިން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މިޑްލްސެކްސް ޔުނިވާރސިޓީ ލަންޑަން އިން ބެޗްލަރ އޮފް އާރޓްސް އިން ބިޒްނަސް އެންޑް މާކެޓިން ހާސިލް ކުރައްވާފައެވެ.