ކުޅުދުއްފުށި ސިޓީގައި ތިން ފުރޮޅުލީ ވެހިކަލް ނުވަތަ ރަށު ޕިކަޕު ދުއްވުމާ މެދު ވަކި ގޮތެއް ކަނޑައެޅުމަށް ކައުންސިލަށް ހުށަހަޅައި މިއަދުގެ ބައްދަލުވުމުގައި ބަހުސްކޮށްފި އެވެ.
"ރަށު ޕިކަޕް ދުއްވުމާ މެދު ގޮތެއް ނިންމުން" މި އައިޓަމް ހުށަހަޅައި ދެއްވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ރަށު ޕިކަޕް ނުވަތަ ތިން ފުރޮޅުލީ އުޅަނދާ ބެހޭ ގޮތުން އެކަމުގައި މި ސިޓީގައި އޮންނާނެ އުސޫލަކީ ކޮބާތޯ ގިނަ ބަޔަކު ސުވާލުކޮށް އެކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ތިން ފުރޮޅީ ވެހިކަލަކީ އެހެން ސިޓީތަކުގައިވެސް ބޭނުންނުކުރާ ވެހިކަލެއް ކަމަށާއި ވަކިން ހާއްސަކޮށް ޓެކްސީ ދަތުރުކުރަން ބޭނުންކުރާ އެއްޗެއް ނޫން ކަމަށެވެ.
އަދި ވަކިން ލާމަރުކަޒީ ގާނޫނުން މަގުމަތީގައި މީހުން ހިނގައި އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލައި އެއްޗެހި ދުއްވުމުގެ ކަންތައްތައް ދިވެހި ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމުގެ ޒިންމާ ކައުންސިލަށް މަތިކޮށްފައި އޮންނައިރު ތިން ފުރޮޅުލީ އުޅަނދާ ގުޅޭ ގޮތުން އުސޫލެއް އެކުލަވާލައި އެކަމުގައި ކަންތައްތައް ކުރާނީ ކިހިނެތްކަން ކަނޑައަޅަން ކައުންސިލުން ޖެހޭ ކަމަށެވެ.
މި ހުށަހެޅުމަށް އެންމެ ބޮޑަށް ތާއިދުކޮށް ވާހަކަދެއްކެވީ ކައުންސިލަރު ރިލްވާނު މުހައްމަދެވެ. އޭނާ ވިދާޅުވީ، މި މަސައްކަތްކުރަނީ ހަމައެކަނި ތިން ފުރޮޅި ލީ ވެހިކަލް ދުއްވުން ހުއްޓުވާލުމަށާއި އެކަމަކު ބެޓެރީ ވެހިކަލް ދުއްވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ތިން ފުރޮޅުލީ ވެހިކަލްތަކަކީ އެހާ ރައްކާތެރި ވެހިކަލެއް ނޫން ކަމަށާއި މިއީ އާންމު ރައްކާތެރިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ހަލަބޮލިވަމުން އަންނައިރު ތިން ފުރޮޅުލީ ވެހިކަލަކީ މި ސިޓީއަށް އެހާ ރަނގަޅު މޮޑެލްއަކަށް ނުވެދާނެ ކަމަށެވެ.
މިކަމަށް ބަހުސްކުރަވަމުން ބައެއް މެމްބަރުން ވިދާޅުވީ، ރަށު ޕިކަޕަކީ މިހާރުވެސް ވަރަށް ގިނަ ބަޔަކު އާމުދަނީ ހޯދުމަށް ބޭނުންކުރާ ވެހިކަލަކަށްވާއިރު މިކަމާ ދޭތެރޭ ގޮތެއް ނިންމަން ޖެހޭނީ ވަރަށް ވިސްނާފަ ކަމަށެވެ. އަދި މިކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަށްވާތީ، އާއި ކުއްލިއަކަށް އާމުދަނީ ހުއްޓޭނެ ފަދަ ނިންމުމެއް ނިންމައިފިނަމަ އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެކަން ވެސް ބައެއް ކައުންސިލަރުން ފާހަގަކުރެއްވި އެވެ.
އެ މޭރުމުން ބޮޑަށް ވާހަކަދެއްކެވީ ކައުންސިލަރު އަހުމަދު އަބުދުﷲ އާއި މުހައްމަދު ދާއޫދު، އާތިފާ އަލީ އަދި އައިމިނަތު މަޖީދާ އެވެ. ބައެއް ކައުންސިލަރުން ވިދާޅުވީ ކުއްލިއަކަށް ހުއްޓުވުމުގެ ބަދަލުގައި އެކަމަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ. އެކަމަކު ތިން ފުރޮޅުލީ ވެހިކަލަކީ ރައްކާތެރި ވެހިކަލް ނޫން ކަމަށް އެ މެމްބަރުންވެސް އިއްތިފާގުވެ ލައްވަ އެވެ.
ބައެއް ކައުންސިލަރުންގެ ވާހަކަތަކާ ގުޅިގެން ރިލްވާނު އެދިލެއްވީ، އެ ހުށަހަޅުން ކޮމެޓީއަކަށް ފޮނުވައި އިތުރަށް ބަހުސްކޮށް ގޮތެއް ނިންމުމަށެވެ.
ހުށަހެޅުން ކޮމެޓީއަށް ފޮނުވުމަށް ތާއިދުކުރައްވަމުން، މި އައިޓަމް ހުށަހެޅުއްވި ޑެޕިއުޓީ މޭޔަރު އަލީ ވިދާޅުވީ، ކޮމެޓީ މަރުހަލާގައި މަޝްވަރާކުރެވޭއިރު އިތުރު އެހެން ގޮތްތައް ބަލައި، ކުރިއަރާފައިވާ ސިޓީތަކުގައި ބޭނުންކުރެވޭ ބަގީ ފަދަ އިލެކްރިކް އުޅަނދުތަކާއި ޓްރާންސްޕޯޓް އެހެނިހެން އުޅަނދުތަކާއި އެހެނިހެން ވަސީލަތްތަކަށް ރިއާޔަތްކުރެވި މަޝްވަރާކުރެވިގެންދިޔުން މުހިންމު ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ރަނގަޅު މި ވަކިގޮތަކަށް ނިމުމުގެ ކުރިން ކޮމެޓީ މަރުހަލާގައި އިތުރު ބަހުސްތަކަށް މިކަމުގައި ކުރިއަށްދާ. ބަހުސް މަރުހަލާގައި މިކަމަށް ރަނގަޅަށް ބަހުސްކޮށްފައި މުރާޖާކުރުމަށްފަހު ގޮތެއް ނިންމުމަށް." ޑެޕިއުޓީ މޭޔަރު
މި ކަމުގައި ކޮމެޓީ މަރުހަލާގައި މަޝްވަރާކުރެވޭއިރު ގިނަ ދުވަސްވީ އެހެނިހެން އުޅަނދުތަކާ މެދުވެސް ގޮތެއް ނިންމުމަށް ކައުންސިލަރު މުހައްމަދު ދާއޫދު އެދިލެއްވި އެވެ. މި ހުށަހެޅުން ކޮމިޓީއަށް ފޮނުވީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މި ހުށަހެޅުމުގެ ބަހުސް ދެން ކުރިއަށްދާނީ ޕްލޭނިންގ ހައުސިންގ އެންޑް ލިވަބަލް ކޮމެޓީގައި އެވެ. އެ ކޮމެޓީގައި ތިއްބަވާނީ ޑެޕިއުޓީ މޭޔަރާއި ކައުންސިލަރު އަހުމަދު އަބުދުﷲ އާއި ކައުންސިލަރު ރިލްވާނު މުހައްމަދެވެ.