އަދިވެސް ފެންނަމުންދަނީ އެއާޕޯޓާ ހެދި އިތުރު ބިންތައް ރަށުން ގެއްލެމުންދާ މަންޒަރުކަމާއި އެއީ ކަންބޮޑުވާ މައްސަލައެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރު ރިލްވާނު މުހައްމަދު ވިދާޅުވެއްޖެ އެވެ. ރިލްވާނު މިހެން ވިދާޅުވީ އެމްޑަބުލިއުއެސްސީ އޮޕަރޭޝަން ސެންޓަރު ރިލޮކޭޓްކުރުމަށް ބޭނުންވާ ބިން ހަމަޖައްސަން ބުދަ ދުވަހު ކައުންސިލްގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ކުޅުދުއްފުށީ ކުޅިން ބައެއް ހިއްކައިގެން ކުރީގެ ސަރުކާރުން ތަރައްގީކުރަން ފެށި އެއާޕޯޓް އަޅަން ފެށިއިރުވެސް އެ ސަރަހައްދުގައި އެމްޑަބުލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރު ހުރެ އެވެ. އެއާޕޯޓް ތަރައްގީކޮށްފައިވަނީ ރަންވޭ އާއި އެމްޑަބުލިއުއެސްސީގެ އިމާރާތް ދެމެދު ހުންނަ ޖެހޭ ދުރުމިން ނުބަލައި ސިޔާސީ ބޭނުމެއްގައި އެވެ. އެހެންވުމުގެ ސަބަބުން އެ އިމާރާތް އެހެން ތަނަކަށް ބަދަލުކުރަން ޖެހޭތީ އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ކައުންސިލުގައި އަންނަނީ އެ ކުންފުނިން އެދެމުންނެވެ.
"އަޅުގަނޑަށް އަނެއްކާވެސް މި ފާހަގަވަނީ. އަނެއްކާވެސް ހަމަ އެއާޕޯޓާ ހެދި. އެއާޕޯޓަށް ބިން ބޭނުންވާތި. އަނެއްކަވެސް މިއޮތް ބިން ފުރިފައި އޮތް ރަށުން . އަނެއްކާވެސް ބިންތަކެއް ގެއްލިގެންދާތަން." ހުޅަނގު ދެކުނު ދާއިރާގެ މެމްބަރު ރިލްވާނު ވިދާޅުވި އެވެ.
މިއީ އަމިއްލަ ރައްޔިތެއްގެ ހައިސިއްޔަތުންވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ބަޔަކު އެ ދުވަހު އަތް ޖަހާފައި "އެއާޕޯޓް" ގެ ވާހަކަ މާ ރަނގަޅު ހަބަރަކަށް ހަދައިގެން ބަޔަކު ދެއްކިކަމުގައިވީނަމަވެސް މިކަމުގައި ސަބަބުން ރަށުގެ ބިން ވަރަށް ބޮޑަށް ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. އަނެއްކާ މިއަދު މިވީ ރިލޮކޭޓްކުރަން. އަދިވެސް އަޅުގަނޑަކަށް ހިޔެއް ނުވޭ މިކަން ނިމޭނެހެނެއް." ކުރިންވެސް އެއާޕޯޓާ ދެކޮޅަށް ވާހަކަ ދެއްކެވި ރިލްވާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރު ބިންތައް އެއާޕޯޓް އޮތީތީ ގެއްލިގެންދާތަން ފެންނަމުންދާ ކަމަށާއި އަދި އެއާޕޯޓް އިތުރަށް ތަރައްގީވަމުން އަންނައިރު ގެއްލިގެންދާނީ ކިހާ ބިމެއްތޯ ބަލަން ޖެހޭ ކަމަށެވެ. ރިލުވާން ވިދާޅުވީ މިދާ ވަރުންދާކަމުގައިވާނަމަ ކުޅުދުއްފުށި ބަދަލުވެގެންދާނީ ސިނާއީ މަސައްކަތްކުރާ ރަށެއްގެ ގޮތުގައި ކަމަށެވެ.
ރިލްވާނު ވިދާޅުވީ، އެމްޑަބުލިއެސްސީގެ އޮޕަރޭޝަން ސެންޓަރު ބަދަލުކުރާއިރު އެ އިމާރާތަށް ބޭނުންވާ ބިން ވީހާވެސް އެއާޕޯޓާ ކައިރިން ދިނުމަށެވެ. އެހެން އޭނާ އެދުނީ އެއާޕޯޓް ސަރަހައްދަކީ އުސްކޮށް އިމާރާތް ނުކުރެވޭ ސަރަހައްދެއް ކަމުން ބިން އިތުރަށް ސަލާމަތް ކުރެވޭނީ އެ ފަދަ އިމާރާތްތައް އެ ސަރަހައްދަށް ބަދަލުކޮށްގެން ކަމަށްވާތީ ކަމަށެވެ.