twitterviber whatsapp telegramfacebookyoutube instagram
25th April 2024

މި އަހަރު މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ނަބީލާ އިސްމާޢީލް
Jun 27, 2021

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހު 25ގެ ނިޔަލަށް 500,406 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅައިބަލާއިރު 30.7 އިންސައްތައިގެ އިިތުރުވުމެކެވެ. ނަމަވެސް 2019 ވަނަ އަހަރާ އަޅައިބަލާއިރު މިއީ 40.6 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މާޗު މަހު އެވެ. މާޗު މަހު ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން އައި އިރު، މިހާރު ފަތުރުވެރިން އަންނަ އަދަދު ވަނީ ދަށްވެފަ އެވެ. ސަބަބަކީ، މިއީ ފަތުރުވެރިކަމުގެ އޮފް ސީޒަނަށްވެފައި، އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ އިންޑިއާ މާކެޓުން ފަތުރުވެރިން އައުން މަޑުޖައްސާލާފައި އޮތުމެވެ.

މި މަހު މިހާތަނަށް 46,023 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނަ އަދަދެއްގެ މީހުން އެއްދުވަހާ އައިސްފައި ވަނީ މި މަހުގެ 20ވަނަ ދުވަހުއެވެ. އެއީ 2،519 ފަތުރުވެރިންނެވެ.

ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، ބައެއް މާކެޓުތަކުން ރާއްޖެ އަށް ޒިޔާރަތް ކުރުމުގައި ޓްރެވަލް އެޑްވައިޒަރީ ނެރެފައި އޮތުމާއި ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރަށް ހުރި ހުރަސްތަކާއެކު ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.

އެވްރެޖުކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 1،837 ގައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ އިންޑިއާ، ޖަރުމަންވިލާތް، ޔޫކްރެއިން، ކަޒަކިސްތާން، އެމެރިކާ، އިނގިރޭސިވިލާތް، ރުމޭނިއާ، ފްރާންސް އަދި ޗެކްރިޕަބްލިކެވެ.

ރާއްޖޭގައި މިވަގުތު 731 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ ޖުމްލަ 47،482 އެނދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355