ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ ބާ އުޅަނދުތައް ނެގުމަށް ކައުންސިލުން 10 ދުވަސް ދީފި އެވެ.
ރަށުގެ އެކި ސަރަހައްދުތަކަށް ބޭނުންނުކުރާ ވެހިކަލްތައް ބަހައްޓާފައި އެ ބަހުއްޓެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް އެގޮތަށް ވެހިކަލްތައް ބަހައްޓާފައިވަނީ އެއާޕޯޓާ ދިމާ އިރުމަތިކޮޅުގައި އެވެ.
އާންމުކޮށް މިފަދަ ވެހިކަލްތައް ރަށުތެރެއަށް އުކާލާފައި ނުވަތަ ބަހައްޓާފައި ހުންނަނީ ކޮންސްޓްރަކްޝަން ކުންފުނިންތަކުންނާއި ވޯކްޝޮޕްތައް ފަދަ މަސައްކަތްކުރާ ފަރާތްތަކުންނެވެ. މިހެން ވެހިކަލްތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫވެ އާންމުގެ ގިނަ ޝަކުވާތަކެއް އިދާރާތަކަށް ހުށަހަޅަ އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް އުކާލެވިފައި ހުރި އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ކުރިއަށް އޮތް 10 ދުވަސް ތެރޭ ނަގަން އަންގާ ކަމަށެވެ.
ދިހަ ދުވަސްތެރޭގައި އެ ތަކެތި ނުނަގައިފިނަމަ އެންގުމަކާ ނުލައި އެތަކެތި ނަގައި ނައްތާލާނެ ކަމަށެވެ. ކައުންސިލުން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް އާންމު ތަންތަނާއި މަގުތަކުގައި ބަހައްޓާފައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި ބައިތައް ނެގުމުގެ މަސައްކަތްކުރަނީ ފުލުހުންނާ ގުޅިގެންނެވެ.
އާންމު ތަންތަނަށް އަދި މީހުން ހިނގާބިނގާވެ އެއްޗެހި ދުއްވާ މަގުތަކުގައި މިފަދަ އުޅަނދުތައް ހުރުމުން ވަރަށް ގިނަ ބަޔަކަށް އޭގެ އުދަނގޫ ޖެހެއެވެ. އަދިމަގުމަތީގެ ރީތިކަންވެސް މިކަހަލަ ކަންތައްތަކާ ހެދި ގެއްލެއެވެ.
މިގޮތަށް އެކި ސަރަހައްދުތަކަށް އުކާލާފައި ހުރި އުޅަނދުތަކެއް 2019 ވަނަވެސް ވަނީ ކައުންސިލުން ނަގާފަ އެވެ.