twitterviber whatsapp telegramfacebookyoutube instagram
22nd October 2024

އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލި ފުރަތަމަ ގައުމަކީ ރާއްޖެ

ނަބީލާ އިސްމާޢީލް
Jun 28, 2021

އޯޒޯން ފަށަލައަށް ގެއްލުންދޭ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލި ތަރައްގީވަމުން އަންނަ ފުރަތަމަ ގައުމަށް ދިވެހިރާއްޖެ ވެއްޖެ އެވެ.

އޯޒޯން ފަށަލައަށް ގެއްލުންވާ މާއްދާތައް އުފެއްދުމާއި އިމްޕޯޓުކުރުން ހުއްޓުވަން 1989 ވަނަ އަހަރު 197 ގައުމަކުން ވަނީ އެއްބަސްވެފަ އެވެ. އެ އެއްބަސްވުމަށް ކިޔަނީ ދަ މޮންޓްރިއާލް ޕްރޮޓޮކޯލް އެވެ. އެ އެއްބަސްވުމުގެ ދަށުން ގައުމުތަކުން ނިންމާފައި ވަނީ އެޗްސީއެފްސީ ގޭސް ބޭނުންކުރުން 2030 ވަނަ އަހަރު އަންނަންވާއިރަށް ހުއްޓާލުމަށެވެ.

ރާއްޖެއިން މިކަން ހާސިލުކުރީ، މިކަން ކުރަން ކަނޑައަޅާފައިވާ މުއްދަތަށްވުރެ 10 އަހަރު ކުރިންނެވެ.

އެޗްސީއެފްސީ ގޭސް ރާއްޖެއިން ނައްތާލުމުގެ ގޮތުން ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން (އެޗްޕީއެމްޕީ)ގެ ނަމުގައި 2010ގައި ވަނީ މަޝްރޫއެއް ފަށާފަ އެވެ. އެއީ މަލްޓިލެޓަރަލް ފަންޑް (އެމްއެލްއެފް)ގެ ހިލޭ އެހީ މެދުވެރިކޮށެވެ.

އެ މަޝްރޫއު ފެށީ 2010 ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް ރާއްޖެއަށް އެތެކުރި ނަމަވެސް، 2020 ވަނަ އަހަރު ރާއްޖެއިން ވަނީ އެޗްސީއެފްސީ ގޭސް އެއްކޮށް ފޭސް އައުޓް ކޮށްފަ އެވެ. އެއާއެކު ޕްރޮޓޮކޯލްއިން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޗްސީއެފްސީ ފޭސްއައުޓް ކުރި ގައުމަށް ރާއްޖެ ވަނީ ވެފަ އެވެ.

ރާއްޖޭގެ ކާމިޔާބީ ފާހަގަކުރުމަށް މިނިސްޓްރީން މިއަދު ވަނީ "އަ ކޫލް މޫވް: މޯލްޑިވްސް ކުއިޓްސް އެޗްސީއެފްސީ"ގެ ނަމުގައި އޮންލައިން ހަފުލާއެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންގެ އިތުރުން، އދ.ގެ އޭޖެންސީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ އެޗްއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން އެބަހުރި ކަމަށާއި އޯޒޯން އެކްޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ބަދަލުތައް ގެނެވުމުން އެ ޕްލޭން ތަންފީޒުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ގޮތުންނާއި މާލީ ގޮތުން ލިބެންޖެހޭ އެހީތެރިކަން ލިބިއްޖެނަމަ، އަމާޒަކީ 2030ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355