އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްގައި އޮތްކަމަށްވިޔަސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ލިބެން ޖެހޭ ހުރިހާ އެއްބާރުލެއް ލިބެމުންދާކަމަށް އެ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގައި ތިއްބަވަނީ 6 މެމްބަރުންނެވެ. އޭގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. އެ ކޮމެޓީގެ ރައީސާއި ނައިބު ރައީސާއަކީވެސް ޕީޕީއެމަށް ނިސްބަތްވެލައްވާ ދެ ކަނބަލުންނެވެ. އެ ކޮމެޓީގައި ތިއްވަނީ އެމްޑީޕީގެ ދެ މެމްބަރުންނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ އޮންނަނީ އެމްޑީޕީގައި އެވެ.
ކޭއޯއަށް ދެއްވި އިންޓަވިއުގައި އެ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ވިދާޅުވީ އެ ކޮމެޓީގައި ޕީޕީއެމްގެ މެޖޯރިޓީ އޮތްކަމަށްވިޔަސް ކައުންސިލުން ވަކި ތަފާތެއް ނުކުރާ ކަމަށެވެ. އެ ކައުންސިލުން ލިބެން ޖެހޭ ހުރިހާ އެއްބާރުލުމެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިއަހަރަށް ވޯރކް ޕްލޭނެއް ހެދި ވަރަށް ގިނަ ކަންތައްތައް ކުރަން ރާވާފައިވާކަމަށާއި އެކަމަކު ކޮވިޑާ ހެދި ބައެއް ކަންތައްތައް ކުރިއަށްގެންދިޔުމުގައި ހުރަސްތައް ކުރިމަތިވާ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު ހަމަޔަކަށް އެޅުމުން ގިނަ ހަރަކާތްތަކެއް ފަށަން ނިންމާފައިވާ ކަމަށް ހަދީޖާ ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ، ދީނީ ދަރުސްތަކާއި މޭކަޕް ކޯސްތައް ހިންގުމަށް ތާވަލްކޮށްފައިވާއިރު ނެތެމުންދާ ބަށި ބޯޅަ ކުޅިވަރު އާލާކޮށް ދިރުވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ ބަށިކޯޓެއް އެޅިގެންދާނެކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ނެޓްބޯޅައަށް ހާއްސަ އިސްކަމެއްދީގެން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށްވެސް ހަދީޖާ ވިދާޅުވި އެވެ.