ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 511 މީހުން ކުރިމަތިލައިފި އެވެ.
ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
ރަށު ކައުންސިލްގެ އެސްޖީ ކަމަށް 371 މީހެއް އަތޮޅު ކައުންސިލްގެ އެސްޖީއަކަށް 86 އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް 54 މީހަކު ވަނީ ކުރިމަތިލާފަ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ ސިވިލްސާވިސް ކޮމިޝަނުން މިހާރު ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު އެކު ޖުމުލަ 35،500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 12،130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާއާއެކު އެކުޖުމުލަ 21،000 ރުފިޔާ ލިބޭނެއެވެ.
އޭގެ އިތުރުން ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 9،300 ރުފިޔާ އަދި ގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާއާއެކު އެކުޖުމުލަ 16،100 ރުފިޔާ ލިބޭނެއެވެ.
ކައުންސިލްތަކަށް އެސްޖީ އިން އައްޔަން ކުރަނީ ފަސް އަހަރަށެވެ.