ރިސޯޓު މުވައްޒަފުން ދެ ޑޯޒް ޖެހުމުން ކަރަންޓީނު ނުވެ ރަށަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިހާރުވެސް އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށަށް ގޮސް ކަރަންޓީންވާން ޖެހޭ ކަމުގެ ޝަކުވާކަން ފާހަގަކުރައްވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު މައުސޫމް ވިދާޅުވީ، ރިސޯޓު މުވައްޒަފުން ވެކްސިން ފުރިހަމަކޮށް 14 ދުވަސްވުމުން ޕީސީއާރް ޓެސްޓުން ފާސްވެގެން ކަރަންޓީންވާން ނުޖެހި (މޮނިޓަރިންގގައި އޮންނަ ރިސޯޓު/ރަށް ފިޔަވައި) ރަށަށް ދެވޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީތީ އުފާކުރައްވާ ކަމަށެވެ. އަދި ތަފުސީލު އެޗުޕީއޭއިން ލިބުމުން މިނިސްޓްރީން ރިސޯޓުތަކަށް އަންގާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރިޒޯރޓު މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރުޓެސްޓުން ފާސްވެގެން ކަރަންޓީނުވާން ނުޖެހި (މޮނިޓަރިންގަ އޮންނަ ރިޒޯރޓިު/ރަށް ފިޔަވާ ) ރަށަށް ދެވޭގޮތައް ރައީސް ޞާލިޙް ނިންމެވީތީ އުފާކުރަން. ތަފުސީލު އެޗުޕީއޭއިން ލިބުމުން މިނިސްޓްރިން ރިޒޯރޓުތަކަށް އަންގާނެ.
— Abdulla Mausoom (@Mausoom_Maus) July 7, 2021
މިނިސްޓަރު މައުސޫމު މިފަދައިން ޓުވީޓްކުރައްވާފައިވާއިރު އޭނާ އިތުރަށް ވިދާޅުވެފައިވަނީ ރިސޯޓް މުވައްޒަފުން ޗުއްޓީ ނަގައިގެން އާއިލާ ކައިރިއަށް ރަށަށް ދާއިރު، ކަރަންޓީން ވާންޖެހޭ މުއްދަތު ޗުއްޓީގައި ނުހިމެނުމަށް މީގެ ކުރިން ވެސް ވާނީ އެދިލައްވާފައި ކަމަށާއި ބައެއް ރިސޯޓްތައް އޮޕަރޭޓް ކުރަމުންދަނީ ވަރަށް މަދު މުވައްޒަފުންތަކަކާ އެކުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރިސޯޓް މުވައްޒަފުންވަމުން އަންނަ ގުރުބާނީގެ އަގު އިންޑަސްޓްރީގެ ބޭފުޅުން ވަރަށް ރަނގަޅަށް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި ކަރަންޓީނުގެ މުއްދަތު ޗުއްޓީގެ ތެރޭގައި ނުހިމަނައި އެކަން ފަހިކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް މައުސޫމް ވިދާޅުވި އެވެ.
އެޗްޕީއޭއިން ކަނޑައަޅާފައިވާ ގޮތުގައި ރިސޯޓު މުވައްޒަފުން ދެ ޑޯޒް ޖެހުމުން ކަރަންޓީންވާން ނުޖެހޭއިރު ކޮވިޑް-19 ޖެހުނުތާ ދެ މަސް ނުވާނަމަ ކަރަންޓީންވުމަކާ ނުލައި ރަށަށް ދެވޭ ގޮތް ވެސް ވަނީ ކަނޑައަޅާފައެވެ.
ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީން ވުމަކާ ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.
އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވަނީ ކަރަންޓީންވުމަކާ ނުލައި ރަށަށް ދެވުނު ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށެވެ. ބައެއް ރަށްރަށުގައި މީގެ ކުރިން ވެސް ކަރަންޓީންވާ މީހުން އުސޫލާ ހިލާފުވުމާގުޅިގެން ފިޔަވަޅު އަޅާފައިވެއެވެ.