twitterviber whatsapp telegramfacebookyoutube instagram
19th May 2024

ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދޫކުރި ބިމުގެ މުއްދަތު ހަމަވެއްޖެ، ގޮތެއް ނިންމުމުގައި ކައުންސިލަރުން ފަހަތު ފަޔަށް ބުރަވެއްޖެ!

އަބްދުލް ވާހިދު ޙަސަން
Jul 9, 2021
9

ކުޅުދުއްފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދޫކޮށްފައިވާ ބިން، މުއްދަތު ހަމަވިއިރު ތަން ހުސްކޮށް ކައުންސިލާ ހަވާލުނުކުރާތީ އެކަމާމެދު ކައުންސިލުން އަމަލުކުރާނެ ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމުގައި އެކަށީގެންވާ ކޮޅެއްގައި ނުޖެހި ނިންމާލައިފި އެވެ.

1997 ވަނަ އަހަރުތެރޭގައި ކުޅުދުއްފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދޫކޮށްފައިވާ ބިން ހުސްވި ޖޫންމަހުގެ 30 ވަނަ ދުވަހަށް ވަނީ މުއްދަތު ހަމަވެފަ އެވެ. އެހެންނަމަވެސް އެއްބަސްވުމުގައިވާގޮތަށް އެ ބިން ކައުންސިލާ ހަވާލުކޮށްފައެއް ނުވެ އެވެ. ފިއުލް ސަޕްލައި މޯލްޑިވްސްއަށް ތެލުގެ ވިޔަފާރިއަށް ދޫކޮށްފައިވަނީ ފަޔަރ ބިލްޑިންގގެ އުތުރަށް އޮންނަ ބިމެވެ.

އެހެންވެ އެކަމާމެދު ކައުންސިލުން އަމަލުކުރާނެ ގޮތެއް ނިންމުމަށް ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވަނީ ކައުންސިލް މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) އެވެ. އޭނާ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވީ ޕެޓާނިޓީ ލީވްގައި ހުންނެވުމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލަރު ރިލްވާނު މުހައްމަދު ވިދާޅުވީ މީގެ ކުރިންވެސް ފިއުލް ސަޕްލައި މޯލްޑިވްސްއަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް ފެނިގެންދަނީ ބިން ހަވާލުނުކުރެވިގެން އުޅޭ ތަން ކަމަށެވެ. އެއްބަސްވުމެއް ނެތި އެއްވެސް ފަރާތްތަކަށް ބިން ބޭނުންކުރެވިގެން ނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންވުމުން އޭނާ ހުށަހެޅީ ފަސް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެ މުއްދަތުތެރޭގައި ބިން ހަވާލުނުކޮށްފިނަމަ ކޯޓަށްގޮސްގެން ބިން ހޯދުމަށެވެ. އެހެންނަމަވެސް އެ ހުށަހެޅުމަށް އެހެން އެއްވެސް މެމްބަރެއްގެ ތާއިދު ނުލިބުމުން ވޯޓަށް އަހާފައެއް ނުވެ އެވެ.

ކައުންސިލަރު މުހައްމަދު ދާއޫދު ބަހުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެތަނުގައި އަދިވެސް ގިނަ ސާމާނުތަކެއް އެބަހުރި ކަމަށާއި އަދި އެ ތާނގިތަކުގައި އަދިވެސް ތެޔޮ ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ސައިޓްގައި ބޮޑެތި ތާނގީތައް ފަދަ ތަކެތި ހުރުމުން، އެތަކެތި ނެގުމަށް ކްރޭން ފަދަ ތަކެތި ބޭނުންވާނެތީ އެކަށީގެންވާ ވަގުތު ދިނުމަށް އެދުނެވެ.

އެގޮތުން ކައުންސިލަރު މުހައްމަދު ދާއޫދު ހުށަހެޅުއްވީ އެބިމުގައި މިއަދުން ފެށިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭގޮތަށް ތަން ބަންދުކުރުމާއެކު ހުސްކުރަން 30 ދުވަހުގެ މުހުލަތެއް ދިނުމަށެވެ. އެ ހުށަހެޅުމަށްވެސް ތާއިދު ލިބިފައެއް ނުވެ އެވެ.

މެމްބަރުގެ މެދުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވީ ބިން ހުސްކުރަން އިތުރަށްދޭންވީ މުއްދަތާމެދު އެވެ. އެ ބަހުސްގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވީ ކައުންސިލަރު ރިލްވާނެވެ. މުހައްމަދު ދާއޫދުގެ ވާހަކަތަކަށް ރައްދުދީ ރިލްވާނު ވިދާޅުވީ، އަނެއްކާވެސް އިތުރު އެއްމަސްދީގެން ކައުންސިލަށް ލިބެނީ ކޯއްޗެއްތޯ ސުވާލުކޮށްފަ އެވެ.

"މިއީ ރައްޔިތުންގެ ބިމެއް. ހުރިހާ ބޭފުޅުންވެސް ގަވައިދުތަކަށާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތަށް އެބަޖެހޭ. ވަކި ފަރާތެއް ވަކި ބަޔަކުވީމަ މިހެން ވެގެން ނުވާނެ. އަޅުގަނޑުމެންނަށްވެސް ވަގުތުވެސް ދެވިއްޖެ." ކައުންސިލް މެމްބަރު ރިލްވާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއްދަތު ހަމަވާއިރު އެކަން ދިޔައީ ކައުންސިލުންވެސް އަންގަމުން ކަމަށާއި މި ދައްކަނީ ތެލުގެ ވިޔަފާރިކުރާ ބޮޑު ކުންފުންޏެއްގެ ވާހަކަ ކަމަށްވާއިރު މުއްދަތު ހަމަވި ދުވަހަށް ބިން ސާފުކޮށް ހަވާލުނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެންނުވާނެ ކަމަށެވެ.

ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ޖޫން 30 ގެ ފަހުން މި ހިނގައި ދުވަސްތަކަކީ އެގްރިމެންޓަކާ ނުލައި ހިނގައި ދުވަސްތަކަކަށްވާތީ އެތަން ހުސްނުކުރެވި އޮތުމުން މި ހިނގައި ދުވަސްތަކަށް ކުލި ކައުންސިލަށް ނުލިބި ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށާއި އެހެންވެ ވީހާވެސް އަވަހަކަށް ތަން ހުސްކުރެވޭނެ ގޮތެއް ހޯދުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރެއްވި އެވެ.

ޑެޕިއުޓީ ހުށަހެޅުއްވީ ކައުންސިލުން އަލުން މަޝްވަރާކުރުމަށްފަހު ބިން ހުސްކުރަން މުއްދަތެއް ދިނުމަށެވެ. ޑެޕިއުޓީ ހުށަހެޅުމަށް ކައުންސިލަރު އާމިނަތު މަޖީދާ ތާއިދުކުރެއްވުމުން އެ ހުށަހެޅުމަށް ވަނީ ވޯޓަށް އަހާފަ އެވެ. އެ ހުށަހެޅުން ފާސްވީ ޑެޕިއުޓީ އާއި މަޖީދާގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ރިލްވާނު ވޯޓް ދެއްވިއިރު މުހައްމަދާއި އާތިފާ ވަކި ގޮތަކަށް ވޯޓްދީފައެއް ނުވެ އެވެ.

އެ ހުށަހެޅުން ފާސްވުމާ އެކު މޭޔަރު ވިދާޅުވީ، މުއްދަތާ ބެހޭ ގޮތުން ވަކިގޮތެއް ކަނޑައެޅުނީ ކަމަށެވެ. ދެން ހުޅުވާލީ އެ މުއްދަތުގައި ބިން ހުސްނުކޮށްފިނަމަ އަމަލުކުރާނެ ގޮތެއް ނިންމުމަށެވެ. އެކަމަށް ހުށަހެޅުމެއް ހުށަހެޅީ ރިލްވާނު އެކަންޏެވެ. އޭނާ ހުށަހެޅީ ކޯޓަށްގޮސްގެން ބިން ހޯދުމަށެވެ. އެ ހުށަހެޅުމަށް ޑެޕިއުޓީގެ ތާއިދު ލިބުމުން ވޯޓަށް އަހައި ހަތަރު މެމްބަރުންގެ ވޯޓުން އެ ހުށަހެޅުން ފާސްވި އެވެ. ވަކި ގޮތަށް އެއް މެމްބަރަކު ވޯޓު ނުދެއްވިއިރު އެއީ ކޮންމެ މެމްބަރެއްކަން ސާފެއް ނުވި އެވެ.

މޭޔަރު ވިދާޅުވީ އެ ހުށަހެޅުންވެސް ފާސްވީވެގެން ދިޔުމުން އެފްއެސްއެމްގެ ބިން ކައުންސިލާ ހަވާލުކުރުމަށް ވަކި ގޮތެއް ކަނޑައެޅިގެން ދިޔައީ ކަމަށެވެ.

މޭޔަރު ވިދާޅުވީ، ފިއުލް ސަޕްލައި މޯލްޑިވްސް އިން އެ ބިން ކައުންސިލަށް ދޫކޮށްލަން ބޭނުންކަމަށް ލިޔުމުން އަންގާފައިވާކަމަށާ އެހެންނަމަވެސް އަދިވެސް އެ ބިން ހަވާލުނުކޮށް އެތަނުގައި ހަރަކާތްތަކެއް ހިންގާ ތަން ފެންނަމުންދާ ކަމަށެވެ.

މި ބަހުސްގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު އެ މައްސަލައަށް ހައްލުހޯދުމަށް ބޭނުންވިޔަސް ހުށަހެޅުންތަކަށް ވޯޓު ދިނުމަށާއި އިތުރު ހުށަހެޅުންތައް ހުށަހަޅަން މެމްބަރުން ފަހަތު ފަޔަށް ބުރަވިކަން ފާހަގަކުރެވުނެވެ.

ފިއުލް ސަޕްލައިއަށް ދޫކޮށްފައިވާ އެބިމުގައި ބޮޑެތި ތެޔޮ ތާނގިތައް ބަހައްޓައިގެން ވިޔަފާރިކުރަމުން އަންނަތާ ގިނަ އަހަރުތަކެއްވަނީ ވެފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފިއުލް ސަޕްލައި އަތުން އެއްބަސްވުމެއްގެ ދަށުން އެތަނުގައި ތެލުގެ ވިޔަފާރިކުރަމުން އަންނަނީ އެތުމާ ފިއުލްއިންނެވެ. ދާދިފަހުން އެތުމާއިން ވަނީ އުތުރު ބަނދަރު ސަރަހައްދުގައި އާ ތެޔޮ ޝެޑެއްވެސް ހުޅުވާފަ އެވެ.

އެޑިޓަރުގެ ނޯޓް: ހަބަރު ޝާއިއުކުރި ފަހުން ވަނީ އިސްލާހުކުރެވިފައި. ހަބަރުގައި މެމްބަރުން ވޯޓް ދެއްވި ގޮތުގެ ތަފްސީލު ފުރަތަމަ ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުން. އެހެންވުމުން އެކަމަށްޓަކާ ކިޔުންތެރިންގެ އަރިހުން މައާފަށް އެދެން.


Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355