twitterviber whatsapp telegramfacebookyoutube instagram
29th March 2024

55 އަހަރަށް ފަހު އިނގިރޭސިން ބޮޑު މުބާރާތެއްގެ ފައިނަލަށް

މުޙައްމަދު އަހުމަދު
Jul 8, 2021

ލަންޑަނުގައި މިރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން ޑެންމާކް ބަލިކޮށް އިނގިރޭސިން ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއީ ވޭތުވެދިޔަ 55 އަހަރު ތެރޭ ބޮޑު މުބާރާތެއްގެ ފައިނަލަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ފަހުން އެޓީމު ބޮޑު މުބާރާތެއްގެ ފައިނަލް އަދި ނުކުޅެ އެވެ. 1996 ވަނަ އަހަރުގެ ޔޫރޯގެ ސެމީގައި އިންގްލެންޑުން ކުޅުނުއިރު އެފަހަރު ގަދަފަދަ ޖަރުމަން އަތުން އެޓީމު ވަނީ ބަލިވެފަ އެވެ.

ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ޑެންމާކުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް މި ގޯލް ކާމިޔާބުކޮށްދިނީ މިކެލް ޑެމްސްގާޑެވެ. މިއީ މިފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ ހިތްގައިމު އެއް ގޯލެވެ. މި ގޯލަކީ މިފަހަރުގެ ޔޫރޯގައި އިންގްލެންޑް ކޮޅަށް ވަން ފުރަތަމަ ގޯލެވެ. އެޓީމުން ވަނީ ލަނޑެއް ވަނަ ނުދީ 691 މިނެޓު ފުރިހަމަކޮށްފަ އެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ހިލޭ ޖެހުމަކުން ޖެހި ފުރަތަމަ ގޯލެވެ. އޭރިއާ ބޭރުން ޑެމްސްގާޑް ފޮނުވާލި ބާރުގަދަ ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު ޕިކްފޯޑުގެ އަތްވަނީ ބޯޅަ އާއި ހަމައަށް ފޯރާ ގޮތް ނުވެފަ އެވެ.

މުބާރާތުގައި ފެނުނު 11 ވަނަ ބައިގޯލާއެކު އިންގްލެންޑުން މެޗުގެ 39 ވަނަ މިނެޓުގައި ނަތީޖާ ހަމަކުރި އެވެ. މިގޯލަކީ ކެޕްޓަން ހެރީ ކޭން ހުސްކޮށްލާފައި ސަކާއަށް ދިން ބޯޅަ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޮނޑީގައި އަނެއް ފަޅިން އެރި ރަހީމް ސްޓާލިންގް އަށް ބޯޅަ ލިބުމުގެ ކުރިން ސާފުކޮށްލަން އުޅުމުގެ ތެރޭގައި ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ ފައިގައި ޖެހިފައި ވަން ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ނުޖެހުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ 104 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލީޑު ނަގާފަ އެވެ. އޭރިއާ ތެރެއިން ސްޓާލިންގް އަށް ޑެންމާކްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީ ކީޕަރު ޝްމައިކަލް މަތަކުރި ނަމަވެސް ރިބައުންސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންގްލެންޑުން ކާމިޔާބުކުރި ލަނޑާއެކު އެޓީމު ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އިންގްލެންޑުން މިމަހުގެ ބާރަވަނަ ދުވަހުގެ ދަންވަރު ބާރަ ޖަހާއިރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނުކުންނާނީ އިޓަލީ އާއި ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355