twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގެ އާންމު ސަރަހައްދުތަކަށް ދޫކޮށްލާފައި ހުރި ބާ ވެހިކަލުތައް ނަގަން ފަށައިފި

ނަބީލާ އިސްމާޢީލް
Jul 8, 2021

ކުޅުދުއްފުށީ އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް މަގުތަކާއި އާންމު ސަރަހައްދުތަކަށް ދޫކޮށްލާފައިހުރި އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނަގަން ފަށައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން މިދިޔަ މަހު 27 ވަނަ ދުވަހު ވަނީ އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް އުކާލެވިފައި ހުރި އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް 10 ދުވަސް ތެރޭ ނަގަން އަންގާފަ އެވެ.

އަދި ދިހަ ދުވަސްތެރޭގައި އެ ތަކެތި ނުނަގައިފިނަމަ އެންގުމަކާ ނުލައި އެތަކެތި ނަގައި ނައްތާލާނެ ކަމަށެވެ. ކައުންސިލުން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް އާންމު ތަންތަނާއި މަގުތަކުގައި ބަހައްޓާފައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި ބައިތައް ނެގުމުގެ މަސައްކަތްކުރަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ.

އާންމު ތަންތަނަށް އަދި މީހުން ހިނގާބިނގާވެ އެއްޗެހި ދުއްވާ މަގުތަކުގައި މިފަދަ އުޅަނދުތައް ހުރުމުން ވަރަށް ގިނަ ބަޔަކަށް އޭގެ އުދަނގޫ ޖެހެ އެވެ. އަދި މަގުމަތީގެ ރީތިކަންވެސް މިކަހަލަ ކަންތައްތަކާ ހެދި ގެއްލެއެވެ.

ކައުންސިލުން ބުނީ މި މަސައްކަތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގައި އެސްޓީއޯ ކުޅުދުއްފުށި ފިހާރަ އަދި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްއިން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ކައުންސިލުން ޝުކުރުއަދާކޮށްފައިވެ އެވެ.

މިގޮތަށް އެކި ސަރަހައްދުތަކަށް އުކާލާފައި ހުރި އުޅަނދުތަކެއް 2019 ވަނަ އަހަރުވެސް ކައުންސިލުން ވަނީ ނަގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355