މިއަދު ކުޅުދުއްފުށީގައި ކޮވިޝީލްގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު އެކަށީގެންވާ އިންތިޒާމެއް ހަމަޖައްސާފައި ނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މާދަމާ ވެކްސިން ޖެހުން އަފީފުއްދީން ސްކޫލް ހޯލަށް ބަދަލުކޮށްފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ވެކްސިން ޖެހުމަށް ދިމާވި ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމާއި އަދި އެފަދަ އިންތިޒާމްތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ.
މިއަދު ވެކްސިން ޖެހުމަށް ދޫކޮށްފައިވަނީ 300 ނަންބަރެވެ. އެގޮތުން ވެކްސިން ޖެހުމަށް ގިނަ ބަޔަކު ވާރޭތެރޭ ކިއުއަށް އަރާތިބިކަން ފާހަގަކޮށްލެވެއެވެ.
މާދަމާ ދޫކުރަން ހަމަޖެހިފައިވަނީ 200 ނަންބަރެވެ. ވެކްސިން ޖެހުން މާދަމާ ފަށާނީ ހަވީރު 15:00 ގަ އެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖެއިން ހުސްވެ ކުޅުދުއްފުށީގައި އެ ވެކްސިން ޖެހުން ހުއްޓުމަކަށް އައީ މިދިޔަ މެއިމަހުގެ ފަހުކޮޅު އެވެ. ނަމަވެސް އޭގެ ފަހުން ސައިނަޕޯމް ވެކްސިން ގެންދަނީ ދެމުންނެވެ.