ކައުންސިލް ތަކުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް އަންނަ މަސް ނިމުގެ ކުރިން ފޮނުވައިދޭން އަންގައިފި އެވެ.
އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔާގެ ގާނޫނުގައިވާ ގޮތުގެ މަތިން މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށާއި ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އެއާއެކު މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ފޯމެޓެއްވެސް ވަނީ ކަނޑައަޅާފައެވެ. އެއީ
- ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ
- އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓަށް ދޭނެ އެހީ
- ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް
- ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ
ފިނޭންސް މިނިސްޓްރީން ވަނީ މި މައުލޫމާތު އަންނަ މަހުގެ 31 ގެ ކުރިން އެ މިނިސްޓްރީއަށް ފޮނުވަން އަންގާފަ އެވެ.
އެ މިނިސްޓްރީން ބުނީ އުސޫލުގެ މަތިން ކައުންސިލްތަކުގެ ބަޖެޓުގެ މައުލޫމާތު އެ މިނިސްޓްރީން ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާ މަރުހަލާގައި ހިއްސާ ކުރަން ގަސްތު ކުރާ ކަމަށެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 21 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދު ވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 33 ބިލިއަން ރުފިޔާ އެވެ.