twitterviber whatsapp telegramfacebookyoutube instagram
7th May 2024

ހޮސްޕިޓާ ކައިރީގައި ހިނަވާގެ އަޅަން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Jul 10, 2021
5

ހޮސްޕިޓާ ސަރަހައްދުގައި ހިނަވާގެ އަޅަން ކައުންސިލުން ފާސްކޮށްފި އެވެ. ބުދަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުން ހޮސްޕިޓާ ސަރަހައްދުގައި ހިނަވާގެ އަޅަން ފާސްކުރީ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޕެޓާނިޓީ ލީވްގައި ހުންނެވުމުން އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެޑައިނުގަންނަވަނީ ކައުންސިލަރު އަހުމަދު އަބުދުﷲ އެވެ.

ހިނަވާގެ އަޅާނެ ބިމެއް ކަނޑައެޅުމުގެ އެޖެންޑާ އިއްވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ހިނަވާގެއެއްގެ ބޭނުން ރަށަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައިކަމަށާއި އެ ދަތިކަން ވަރަށް ބޮޑަށް އިހުސާސްވަމުންދާ ކަމަށެވެ. އެހެންވުމުން މިހާރުން މިހާރަށް ހިނަވާގޭގެ މަސައްކަތް އަވަސްކުރަންޖެހޭ ކަމަށެވެ. ސަރަހައްދީ ހޮސްޕިޓަލު ހުރުމާއެކު އެ ހިދުމަތުގެ ތެރެއިން ނިޔާވާ ރަށުން ބޭރުގެ ވެސް ގިނަ ބަޔަކު ކުޅުދުއްފުށީގައި ވަޅުލާކަން މޭޔަރު ފާހަގަކުރެވި އެވެ.

މި އެޖެންޑާއަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ މިއީ އަވަސްކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ހޮސްޕިޓަލު ސަރަހައްދުގައި ހިނަވާގެ އެޅުމުން ފަސޭހަވެގެންދާނެކަން ބަހުސްގައި ބައިވެރިވި ހުރިހާ މެމްބަރުން ފާހަގަކުރެއްވި އެވެ.

ހޮސްޕިޓާ ސަރަހައްދުގައި ހިނަވާގެ އެޅުމަށް ހުށަހަޅުއްވަމުން ކައުންސިލަރު ރިލްވާނު މުހައްމަދު ވިދާޅުވީ، ހޮސްޕިޓަލާ ކައިރީގައި ހިނަވާގެ އެޅުމުން އެކަމުގެ ލުއި ރައްޔިތުންނަށް ލިބި ކުރިއަށްވުރެ ފަސޭހަވެދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ރިލްވާނު ހުށަހެޅުއްވީ ހޮސްޕިޓަލާއި ޕޮލިސް ސްޓޭޝަންގެ ގޯޅިތެރެއަށްވާގޮތަށް ހޮސްޕިޓަލްގެ ހުޅަނގު ފަރާތުގައި ހިނަވާގެ އެޅުމަށެވެ.

ރިލްވާނުގެ ހުށަހެޅުމަށް ތާއިދުކުރައްވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ އެ ސަރަހައްދުގައި ހިނަވާގެއެއް އެޅުމަށް ފެންނަކަމަށެވެ. އަދި ރިލްވާނުވެސް ފާހަގަކުރެއްވި ފަދައިން އެމްބިއުލާންސް ދަތުރެއް މަދުވުމާއި ހޮސްޕިޓަލާ ގުޅިފައި އިންނާތީ އޭގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ.

އެއާއެކު ހިނަވާގެއެއް އެޅިގެން އަންނައިރުގައި ރަށްރަށުގެ ގިނަ ބަޔަކު ކުޅުދުއްފުށީގައި ނިޔާވެގެންދާއިރު އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންނާއި ގާތް މީހުން މަޑުކޮށްލާނެ ޖާގަޔާއި ރޭކުރަން ޖެހިއްޖެނަމަ މަޑުކޮށްލެވޭނެ ގޮތަކަށް ހިނަވާގެ ތަރައްގީ ކުރެވިގެން ދިޔުން މުހިންމުކަން ޑެޕިއުޓީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޑެޕިއުޓީ ވިދާޅުވީ އެތަނުގައި އާއިލާއިން ކަށުނަމާދުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެހެން ކުޑަ މިސްކިތެއް ނުވަތަ ނަމާދުކުރެވޭނެ ތަނެއް ހުރުން މުހިންމު ކަމަށެވެ.

"މިސްކިތަށް ކަށުނަމާދަށް ނުގެނެސް އެތަނުން އެތަނަށް ކަށު ނަމާދުކުރަން ބޭނުންވާ ހާލަތްތެއްގެ އައިސްދާނެތީވެ، ކޮންމެވެސް ވަރަކަށް ނަމާދުކުރެވޭ ވަރަށް ހިނަވާގެއާއެކީ ކުޑަ މިސްކިތެއް ގާއިމުކުރެވިގެން ދިއުމަކީ ރަނގަޅުކަމެއްކަމަށް އަޅުގަނޑަށް ފެނޭ." ޑެޕިއުޓީ ވިދާޅުވި އެވެ.

ކައުންސިލަރު އައިމިނަތު މަޖީދަވެސް ތާއިދުކުރެއްވީ ހޮސްޕިޓަލާ ކައިރި ސަރަހައްދެއްގައި ހިނަވާގެ އެޅުމަށެވެ. އެއީ އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެތީ ކަން ފާހަގަކުރެއްވި އެވެ. އަދި މިހާރުވެސް ދެ ހިނަވާގެ ހުރިނަމަވެސް އެއް ހިނަވާގެއަކީ މިހާރުވެސް ހިދުމަތް ނުލިބޭ ތަނެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ މިހާރު ހިނަވަން ބޭނުންކުރާ ތަނު ހުރީ ވަރަށް ދަތިހާލުގައި ކަމަށާއި އެހެންވުމުން ވީހާވެސް އަވަހަކަށް ފެންވަރު ރަނގަޅު ހިނަވާގެއެއް އަޅަން ޖެހޭ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ ސިޓީއާ ގުޅޭ ފެންވަރު ރަނގަޅު ހިނަވާގެއެއް މޯޗަރީއަކާއެކު އަޅަން ޖެހޭނެ ކަމަށް މަޖީދަ ވިދާޅުވި އެވެ.

ކުރިން ވާހަކަދެއްކެވި މެމްބަރުންގެ ވާހަކަތަކަށް ތާއިދުކުރައްވާ ވާހަކަދައްކަވަމުން ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ، މިފަދަ ޕްރޮޖެކްޓްތައް ހިންގާއިރު އެތަނަކުން އެތަނެއް މެނޭޖްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުން މުހިންމު ކަމަށެވެ. އަދި ތަން ޑިޒައިންކުރާއިރު އެގޮތަށް ވިސްނަށް ޖެހޭކަމަށް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ކޮންސެޕްޓާއި ޑިޒައިނަކާ ދޭތެރޭ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެވިދާނެ ކަމަށާއި ލޮކޭޝަނެއް ކަނޑައަޅާއިރު މެމްބަރުން ފާހަގަކުރެއްވީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށެވެ. ހޮސްޕިޓަލުގެ ހުޅަނގުން ފަޔަރ ބިލްޑިންގއާ ދޭތެރެއިން މެމްބަރުން ފާހަގަކުރެއްވި ފެސިލިޓީތަކާ އެއްކޮށް ޕާރކިންގ އޭރިޔާއަށް ނަގާފައި ބޮޑު ޖާގައެއް ލިބޭނެކަމަށް މޭޔަރު ވިދާޅުވި އެވެ.

2020 ވަނަ އަހަރުގެ ކައުންސިލް ބަޖެޓްގައި ހިނަވާގެ އެޅުމަށް ބަޖެޓްކުރި އެވެ. އެހެންނަމަވެސް އެފަހަރު ހިނަވާގެ އިމާރާތްނުކުރެނީ ކޮވިޑާ ހެދި ބަޖެޓް ރިވައިސްކޮށް، ސަރުކާރުން އެކަމަށް ހުއްދަ ނުދިނުމުންނެވެ. ކުރީގެ ކައުންސިލުން ހިނަވާގެ އެޅުމަށް ނިންމީ މިހާރުވެސް މީހުން ހިނަވަން ބޭނުންކުރަމުންދާ މަސްޖިދުލް އުލާގައި އެވެ. ވެރިރަށް މާލެ ފިޔަވާ އެންމެ ގިނަ ބަޔަކު ވަޅު ލަނީ ކުޅުދުއްފުށީގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355