ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުން ދަތުރުކުރާ ކްލާހަށް ބަލައި ނަގާ އެއާޕޯޓު ފީއަށް ފަރަގު ގެނައުމާއެކު، އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.
މި އިސްލާހަކީ މިމަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފާސްކުރި އިސްލާހެކެވެ. މި އިސްލާހުގައި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ނިންމައިފައެވެ.
ރާއްޖެއިން ބޭރަށް ދަތުރު ކުރާ ހުރިހާ ފަސެންޖަރުންގެ އަތުން ޑިޕާޗާ ޓެކްސް ނެގުމަށް އިސްލާހުގައި ބުނެފައިވާއިރު އެ ޓެކްސް ނަގާނީ އެ ފަސެންޖަރަކު ދަތުރުކުރާ ކުލާހަށް ބިނާކޮށެވެ. އިކޮނޮމީ ކުލާހުގައި ދިވެހިންނާއި ބިދޭސީން އަތުން ނަގާ ޓެކްސްގެ އަދަދު ތަފާތެވެ. ހަތަރު ކުލާހަކަށް މި ޓެކްސް ގިންތިކޮށްފައިވާއިރު ދެން ހުރި ކުލާސްތަކުން ދިވެހިންނާއި ބިދޭސީންގެ އަތުންވެސް އެއް އަދަދަކަށް ޓެކްސް ނެގުމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
އެގޮތުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާނީ 12 ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން ނަގާނީ 30 ޑޮލަރެވެ. ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަދި ބިދޭސީންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާނީ 60 ޑޮލަރެވެ. ފަސްޓު ކުލާހުގައި ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުންވެސް ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުކުރާ މީހުންގެ އަތުން ނަގާނީ 120 ޑޮލަރު ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން އެއާޕޯޓް ޓެކުހުގެ ގޮތުގައި އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޓެކުހެއް ނެގުމުގެ އިތުރަށް އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ވެސް ހަމަ އެ އަދަދުތަކުން ފީ ނެގުމަށް ވަނީ ހިމަނާފައެވެ.