twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންކުއަރީ ރިޕޯޓް ރައީސަށް އަރުވައިފި

ނަބީލާ އިސްމާޢީލް
Jul 11, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލޮހަށް މިއަދު އަރުވައިފިއެވެ.

މި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ،އެ ކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

މި ރިޕޯޓް ބަލައިގަތުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ފަރާތުން ވަނީ މި ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރުދަންނަވާފައެވެ.

އަދި މި ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ބޭނުންވި ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުގެ އެންމެހާ މުއައްސަސާތަކުން ވެސް ދެއްވި އެއްބާރުލުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ވިދާޅުވިއެވެ.

މި ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުޤީޤީ ސިފަތައް ނުހިމެނޭނޭހެން މި އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައިވާކަމަށް މުގައްރިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355