ދެމަހަށްވުރެށް ގިނަދުވަހުގެ މެދުކެނޑުމަކަށް ފަހު ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެމުން ގެންދިޔަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ހިދުމަށް އަލުން ފަށާ އެކަން އާންމުކޮށް އެ ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ސަރުކާރު އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެހުމާއި ގުޅިގެން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ މަސައްކަތްތައް ހުއްޓުމާއި ގުޅިގެން އައިޑީކާޑު ހެދުން މެދުކަނޑާލާފައިވަނީ މިދިޔަ މެއި މަހު 30 ވަނަ ދުވަހުން ފެށިގެންނެވެ.
މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ހާލަތު ކުރިއަށްވުރެން ރަނގަޅުވެ، އެ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ހުޅުވައިގެން މިހާރު އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ކޮވިޑާގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށްވެސް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ.
އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އެ ކާޑު ބޭނުންކޮށްގެން ލިބޭ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.