މިހާރުވެސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ނެޝަނަލް ސްޕޯޓްސް ކައުންސިލްގައި އިންނަވާ މެމްބަރު ތަމޫހު އަހުމަދު ސައީދު (ތަމޫ) (އެމްއޯސީ)ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފި އެވެ.
ވޭތުވެދިޔަ ތިން ދައުރުގައި އޮލިމްޕިކް ކޮމިޓިގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ފުރުއްވީ އަހުމަދު މަރުޒޫގު (މަރޭ) އެވެ. ތިން ދައުރަށް ފަހު މަރޭ މަގާމުން ވަކިވިއިރު އޭނާ ވަނީ އެތްލީޓުންނާ ކުޅިވަރު މުސަތަގުބަލަށް ވެސް ފާހަގަކޮށްލެވޭ ރަނގަޅު ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.
ސްޕޯޓްސް ކައުންސިލުން ރާއްޖޭގެ ކުޅިވަރު އޮނިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ މަޝްވަރާތަކުގައި ތަމޫގެ ހިއްސާ އޮންނައިރު އޭނާ މިވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް އައްޔަންކޮށްފަ އެވެ. 2009 ން 2011 ވަނަ އަހަރުގެ ނިޔަލަށް ތަމޫ ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރާފަ އެވެ.
އޮލިމްޕިކް ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އިސް ފަރާތެއްގެ ގޮތުގައި ފެންނަމުންދާ ތަމޫ އޮލިމްޕިކް ކޮމިޓީގެ ތެރެއިން މީގެ ކުރިން ފުރާފައިވާ މަގާމުތަކުގެ ތެރޭގައި ޕްރޮގްރާމް ކޯޑިނޭޓަރުގެ އިތުރުން ޑިރެކްޓާ ޖެނެރަލްގެ މަގާމު ވެސް ހިމެނެއެވެ. އިއްޔެ ބޭއްވި އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ސެކްރެޓަރީގެ މަގާމަށް ތަމޫ އައްޔަނުކުރިއިރު އޮލިމްޕިކް ކޮމިޓީގެ ފިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް ހުސައިން ރަޝީދު (ހުސެން) ވަނީ ހަމަޖައްސައިފަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ނިމިދިޔަ ދެ ދައުރުގައި ހަޒާންދާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ހުސެން އަކީ ޓީޓީ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނުގައި ވެސް މަސައްކަތްތަކެއް ކުރެއްވި މީހެކެވެ. ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ކަންކަމުގެ އިތުރުން މާލީ ކަންކަމުގައި ވެސް ހުސެންގެ ބައިވެރިވުން ފެނިފައިވެ އެވެ.