twitterviber whatsapp telegramfacebookyoutube instagram
19th May 2024

ތިރިކޮށް ހުރި ތަންތަން އެއާޕޯޓް ސަރަހައްދަށް ބަދަލުކޮށް، ބިން ސަލާމަތްކުރުމުގެ އަމާޒެއް

އަބްދުލް ވާހިދު ޙަސަން
Jul 14, 2021
6

އުސްކޮށް އިމާރާތްކުރަން ނުޖެހޭ ގޮތަށް ހުންނަ ތަންތަން އެއާޕޯޓް ސަރަހައްދަށް ބަދަލުކޮށް އެ ބިންތައް އެހެން ޕްރޮޖެކްޓްތައް ހިންގުމަށް "ސަލާމަތް" ކުރުމަށް ކައުންސިލަރުން އަމާޒު ހިފައިފި އެވެ.

އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ދާއޫދު ހުށަހެޅި "ލައިސަންސް ބިން ބަދަލުކޮށް ގޮތެއް ކަނޑައެޅުން" މި އެޖެންޑާއަށް ބަހުސް ކުރައްވަމުން ހުރިހާ ކައުންސިލަރުންވެސް އިއްތިފާގުވީ ލައިސަންސް ޓްރެކް ފަދަ ބިންތައް އެއާޕޯޓް ސަރަހައްދަށް ބަދަލުކޮށް، އެފަދަ ބިންތައް އެހެން ޕްރޮޖެކްޓްތައް ހިންގުމަށް "ސަލާމަތް" ކުރުމަށެވެ.

އެއްގަމު ލައިސަންސް ނެގުމަށް ކުޅުދުއްފުށީގައި ވަގުތީގޮތުން ބޭނުންކުރަމުންދަނީ އަމީނީމަގު ދެކުނު ކޮޅެކެވެ. އެހެންވެ އެމްޑަބުލިއުއެސްސީ އޮފީސް އިމާރާތުގެ އުތުރުގައި ދާއިމީ ޓްރެކެއް ހެދުމަށް 2017 ވަނަ އަހަރު އަތޮޅު ކައުންސިލުން ފެށި ނަމަވެސް އެ މަސައްކަތް އޮތީ އެކި ސަބަބުތަކާ ހެދި ކުރިއަށް ނުގޮސް ހުއްޓިފަ އެވެ.

މި އެޖެންޑާ ހުށަހަޅައިދެއްވަމުން ކައުންސިލަރު މުހައްމަދު ވިދާޅުވީ، ލައިސަންސް ޓްރެކް މިހާރު އޮތް ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުން މުހިންމު ކަމަށާއި މިހާރު ޓްރެކް ހަދަން ކަނޑައަޅާފައިވާ ބިމަކީ ހައުސިންގ ޕްރޮޖެކްޓެއް ފަދަ މުހިންމު ބޮޑު ޕްރޮޖެކްޓެއް ހިންގަން ޖެހުނަސް އެންމެ އެކަށޭނެ ރަނގަޅު ބިމެއް ކަމަށެވެ. އެއީ 70 ހާސް އަކަފޫޓުގެ ބިމެކެވެ.

އެގޮތުން އޭނާ ހުށަހެޅީ އެ ޓްރެކް ޖަލާލުއްދީން ސްކޫލްގެ އުތުރުން ކަނބޯރަނި ހިޔާގެ އިރުން އޮންނަ ހުސް ބިމަކަށް ބަދަލުކުރުމަށެވެ. މުހައްމަދު ވިދާޅުވީ، އެގޮތަށް ހުށަހެޅީ އެއާޕޯޓް ސަރަހައްދަކީ އޭވިއޭޝަން ގަވައިދު ބުނާގޮތުންވެސް އުސް އިމާރާތްތައް އެޅޭނެ ސަރަހައްދެއް ނޫންކަމުން ޓްރެކް ފަދަ އިމާރާތްކުރަން ނުޖެހޭ ތަނެއް ބަދަލުކުރުމުން ކުރީގެ ބިން ތަރައްގީގެ އެހެން މަޝްރޫއުއަކަށް ސަލާމަތްކުރެވިގެންދާނެ އެވެ.

މުހައްމަދުގެ ހުށަހެޅުމަށް ތާއިދުކުރައްވައި ވާހަކަދައްކަވަމުން ކައުންސިލަރު އާތިފާ އަލީ ވެސް ވިދާޅުވީ، ޓްރެކް އެއާޕޯޓް ސަރަހައްދަށް ބަދަލުކުރުމުން ކުރީގެ ބިން "ސަލާމަތް" ވެގެންދާނެ ކަމަށެވެ. ބިމުގެ މައްސަލަ ބޮޑު ސިޓީއެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އަލަށް ހަދަން ފަށާ ޓްރެކް ހަދަން ވާނީ ސިޓީއަށް އެކަށީގެންވާ ގޮތަކަށް ކަމަށެވެ.

އަތޮޅު ކައުންސިލުން ހަދަން ފެށި ޓްރެކްގެ މަސައްކަތްވެސް ނުހެދި ދިގު ލައި ދިޔަކަން ފާހަގަކުރައްވަމުން ކައުންސިލަރު އައިމިނަތު މަޖީދާ ވިދާޅުވީ، އާ ޓްރެކްގެ މަސައްކަތް ނުހުއްޓި އަވަސްވެގެންދާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދިޔުމަށް އެދިވަޑައިގެންފަ އެވެ. މަޖީދަގެ އިތުރުން ޑެޕިއުޓީ މޭޔަރާއި ކައުންސިލަރު ރިލްވާން މުހައްމަދުވެސް މި އެޖެންޑާއަށް ބަހުސް ކުރެއްވި އެވެ.

އެގޮތުން ރިލްވާނު ވިދާޅުވީ، ލައިސަންސް ނެގުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުގެ މެންޑޭޓްގައި ހިމެނޭ ކަމެއްކަމަށާއި އަވަސް ގޮތަކަށް މިކަންކަން ނިމިގެން ދިޔުން ވަރަށް ރަނގަޅުކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ޓްރެކް ހަދަން ދީފައިވާ ބިމުގެ ބޮޑު މިނަކީ 70 ހާސް އަކަފޫޓް ކަމަށް ވިޔަސް އަލަށް ބިން ކަނޑައެޅިގެންދާއިރު އެ ސައިޒް ކުޑަވާނެ ކަމަށެވެ. އެގޮތުން މިހާރު ލައިސަންސް ނަގަން ބޭނުންކުރަނީ 32 ހާސް އަކަފޫޓްގެ ބިމެއްގައި ކަމުން އާ ޓްރެކް ހެދުމަށްވެސް އެ ސައިޒްގެ ބިމެއް ހަމަޖައްސަން މަސައްކަތްކުރަމުންދާ ކަމަށެވެ.

ޑެޕިއުޓީ މޭޔަރު އަލީގެ ވާހަކާގައިވެސް ފާހަގަކުރެއްވީ މިގޮތަށް ބިމުގައި ފަތުރައިގެން ހަދާފައި ހުންނަ ތަންތަން އެއާޕޯޓް ސަރަހައްދަށް ބަދަލުކުރުމުގެ މުހިންމުކަމާމެދު ވާހަކަދައްކަވާފަ އެވެ. އޭނާވެސް ވިދާޅުވެފައިވަނީ މިހާރު ޓްރެކް ހަދަން ފަށާފައިވާ ބިމަކީ އެހެން މަޝްރޫއަކަށް ފަހި ބިމެއްގެ ކަމަށެވެ. އަދި އާ ޓްރެކްގެ މަސައްކަތް އަވަހަށް ކުރިއަށްގެންދިޔުމަށް އެދިލެއްވި އެވެ.

އެޖެންޑާގެ ބަހުސް ނިންމާލުމަށްފަހު ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ހުރިހާ މެމްބަރުންވެސް ދެއްކެވީ ވަރަށް ރަނގަޅު ވާހަކަތަކެއްކަމަށާއި ކުޅުދުއްފުއްޓަކީ ކުރިއަށް އޮތްތަނުގައިވެސް އާބާދީ އިތުރުވެ މިފަދަ ބިމުގެ ކަންކަމަށް ވިސްނަށް ޖެހޭ ކަމަށެވެ. އަދި މިފަދަ ބޮޑެތި ބިންތައް ސަލާމަތްކުރުމަކީ ކޮންމެހެންވެސް ކުރަން މުހިންމުކަމެއްގެ ގޮތުގައި މޭޔަރުވެސް ފާހަގަ ކުރެއްވި އެވެ.

އެއާޕޯޓް ކައިރީގައި އުސްކޮށް އިމާރާތްކުރުމަށް މިންގަނޑުތަކެއް ކަނޑައެޅިފައިވުމުން ވީހާވެސް ތިރިކޮށް ހުރި ތަންތަން އެ ސަރަހައްދަށް ބަދަލުކުރުމަކީ ރަނގަޅު ވިސްނުމެއްކަމަށް މޭޔަރުވެސް ވިދާޅުވި އެވެ. މި ހުށަހެޅުން ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްވި އެވެ. މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވަނީ ކައުންސިލަރު އަހުމަދު އަބުދުﷲ އެވެ. އޭނާ ހުންނެވީ ޕެޓާނިޓީ ލީވްގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355