- އީއައިއޭ ރިޕޯޓްގައި ހުރި ގިނަ ކަންކަން ފުރިހަމަކޮށްފައެއް ނުވޭ
- އެކަންކަން ފުރިހަމަ ކުރުމަށް ދަނީ އީޕީއޭއާ މަޝްވަރާކުރަމުން
- މީގެ ކުރިންވެސް އެކަން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައި
ކުރީ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި ހަދަން ފެށި އެއާޕޯޓް ޕްރޮޖެކްޓްގެ އެންވަރަޔަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތައް ފުރިހަމަ ނުކޮށް ދޫކޮށްލާފައިވާކަމަށް ކުޅުދުއްފުށި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުޅީގެ ދެކުނުން މީހުން ދިރިއުޅޭ ގޯތިތަކާ ދޭތެރެއިން ތިމާވެއްޓާ ރައްޓެހި މަގެއް ތަރައްގީކުރުމަށް ކައުންސިލަރު މުހައްމަދު ދާއޫދު ހުށަހެޅި ހުށަހެޅުމަށް ބަހުސްކުރައްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، މަގެއް ތަރައްގީކުރާ ވާހަކަ ދައްކާއިރު ކުޅި މިހާލަތަށް ގޮސްފައިވަނީ އެއާޕޯޓަށް ހިންގުނު ޕްރޮޖެކްޓުން، އީއައިއޭގެ ރިޕޯޓްގެ ކަންކަން ފުރިހަމަކޮށްފައިނުވުމުން ކަމަށެވެ.
އެއާޕޯޓް ޕްރޮޖެކްޓާއެކު ކުޅީގެ ބާކީ ބައި ހިމާޔަތްކުރުމަށް އީއައިއޭ ރިޕޯޓްގައި ހުރި ކަންކަންވެސް ކުރަން ޖެހެ އެވެ. އެހެންނަމަވެސް އެ މަސައްކަތް މިހާތަނަށް އައިއިރު އެއްވެސް ވަރަކަށް ކޮށްފައެއް ނުވެ އެވެ. ޑެޕިއުޓީ ވިދާޅުވީ އެއާޕޯޓެއް ނިމިގެންދާއިރު ފުރިހަމަވެފައި ހުންނަ ޖެހޭ ކަންކަން އޮތީ ފުރިހަމަ ނުކޮށް އެ އޮތްގޮތަށް ދޫކޮށްލެވިފައިކަމަށާއި ބަފާރ ޒޯނުވެސް ކަނޑައަޅައި ހަދާފައިނުވާކަމަށެވެ.
މިހާރުވެސް އެއާޕޯޓުގެ ބައުންޑަރީ ފެންސާއި ޖެހިގެން މަގެއް އޮންނަން ޖެހޭއިރު ކުރިން ހެދި މަގު، ކުޅި ހިއްކިއިރު އީއައިއޭ ސްޓޭޓްމަންޓްގައި އޮތް ގޮތަށް ޝީޓް ޕައިލްސް ކޮށް ނުވަތަ ރޮކް ބޯޑާސް ބޭނުންކޮށްގެން އެތަން ގާއިމުކޮށްފައި ނެތުމުން ކުޅިއަށް ވެލިގަނޑު ކެހިގެން ގޮސް އެމަގު ވަރަށް ބޮޑަށް ހިމަވެފައިވާކަން ޑެޕިއުޓީ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިކަންކަމަކީ އެއާޕޯޓް ހަދާ ނިމުނުއިރު ފުރިހަމަވެފައި ހުންނަން ޖެހޭ ކަންކަން ކަމަށާއި ފުރިހަމަ ނުވެ ހުރި ކަންތައްތައް ފުރިހަމަ ކުރުމަށް އެންވަރަޔަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ވާހަކަދެކެވެމުން އަންނަކަމަށެވެ. އުއްމީދަކީ އީޕީއޭއާ ގުޅިގެން މިމައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި މިކަންކަން ފުރިހަމަވާނެ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރިއިރު އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިހުރި ކަންތައްތައްކޮށްފައިނުވާތީ ކުރިންވެސް އެކަންކަން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން އެއާޕޯޓްގެ ހުޅަނގު އުތުރުގައި ޖެހި ބޮޑު ހިލައަކީވެސް އީއައިއޭގައި ފާހަގަކޮށްފައިހުރި ސައިޒްގެ ހިލައަށްވުރެ ކުދި ހިލަތަކެކެވެ. އެހެންވެ ހިލަތައްވެސް ވަނީ ކަނޑަށް ފައިބާ ގޮސް ތޮށި ހަލާކުވެފަ އެވެ. އެކަންވެސް ސަރުކާރުގެ ސަމާލުކަމަށް ކުރިންވެސް ގެނެސްފައިވެ އެވެ. އެހެންނަމަވެސް މިހާތަނަށް އައިރުވެސް އެކަމަށް ސަރުކާރުން އަޅާލާފައެއް ނުވެ އެވެ.