twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޤުރުއާން ހިތުދަސްކުރި އަމަންއާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި

ނަބީލާ އިސްމާޢީލް
Jul 15, 2021

އުމުރުން އެންމެ 6 އަހަރާއި 9 މަހުގައި ކީރިތި ޤުރުއާން ހިތުދަސްކުރި އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު ބ.ހިތާދޫ، ޑެއިޒީމާގެ، އަމަން އަހުމަދު އާތިފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ދެކަނބަލުން ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ވަނީ އަމަން އަހްމަދު އާތިފަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އަދި އެހާ ޅަ އުމުރެއްގައި އަމަން، ކީރިތި ގުރްއާން ހިތުދަސްކުރީތީ އެކަމަށް ތައުރީފް ކުރައްވައި އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ އަމަންގެ މަންމަ ލުބާނާ މުހައްމަދަށާއި ބައްޕަ އަހްމަދު އާތިފަށްވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ކީރިތި ގުރުއާން ހިތުދަސްކުރުމަށް އަމަން ޝައުގުވެރިވިގޮތާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު އޮޅުންފިލުއްވިއެވެ.

އަމަން ކީރިތި ގުރުއާން ހިތުދަސްކުރުމާ ގުޅިގެން އެކްސެލް އިންޓާނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން މި ބައްދަލުކުރެއްވުމުގައި އަމަންއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް އޭނާއަށް ރައީސް ދެއްވިއެވެ.


އަމަންގެ މަންމަ ލުބާނާ މުހައްމަދާއި ބައްޕަ އަހްމަދު އާތިފް ދެއްކެވި ވާހަކައިގައި އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ގުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއްކަން ފާހަގަކުރެއްވިއެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސްގެ ދެކަނބަލުންނަށް ޝުކުރު ދެންނެވިއެވެ.

އަމަން، ކީރިތި ގުރްއާން ހިތުދަސްކުރި ހާފިޒެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ހާފިޒު ކަމުގެ އިމްތިހާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓާނޭޝަނަލް ސްކޫލުން މިހާރު ވަނީ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒަށް ހުށަހަޅުއްވާފައެވެ.

އެކްސެލް އިންޓާނޭޝަނަލް ސްކޫލަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން އެމެރިކާގެ ކަރިކިޔުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އަދި ކޯ ކަރިކިޔުލަމްގެ ގޮތުގައި ކީރިތި ގުރުއާން އާއި އިސްލާމް އާއި އަރަބި އަދި ދިވެހިބަސް މި ސްކޫލުގައި ކިޔަވައިދެމުން ގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355