ރައީސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުޅުދުއްފުށި ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ހޮސްޕިޓަލަށެވެ. ރައީސްގެ ދެ ކަނބަލުން ހޮސްޕިޓަލަށް ވަޑައިގަތުމުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ އެ މަނިކުފާނުގެ ވެރިކަމުގެ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ތަރައްގީކުރަމުންދާ ހޮސްޕިޓަލެވެ. މިހާރުވެސް ހޮސްޕިޓަލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ތިން ބުރީގެ އިމާރާތެއް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރާ އެ އިމާރާތުގެ މަސައްކަތް ރައީސް ވަނީ ބައްލަވާލައްވާފަ އެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި ކޭއާރުއެޗަށް ގެނެސްފައިވާ ތަރައްގީގެ ހިދުމަތްތަކަށް ބަލާއިރު އެމްއާރުއައިގެ ހިދުމަތާއި ސީޓީ ސްކޭނިންގެ ހިދުމަތް ފާހަގަކޮށްލެވެ އެވެ. އަދި އެންއައިސީޔޫއަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހޯދައި އެތަނަށް ވަނީ ކުރިއެރުންތަކެއް ހޯދައިދީފަ އެވެ.
މީގެ އިތުރުން ހޮސްޕިޓާ ހިންގުން މިނިސްޓްރީގެ ދަށުން ވަކިކޮށް ގަވަރނިންގ ބޯޑެއް އެކުލަވާލައި އެ ބޯޑުގެ ދަށަށް ބަދަލުކުރެވުނެވެ. އޭގެ ސަބަބުން ތާށިވެފައި ހުރި ވަރަށް ގިނަ ކަންތައްތަކެއް ހައްލުކުރެވި ފެށި ވަރަށް ގިނަ ކަންކަން ފުރިހަމަވެގެން ގޮސްފައިވެ އެވެ.
ޒަމާނުންސުރެ އެ ހޮސްޕިޓަލަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށްވެސް ފާއިތުވި ދެ އަހަރު ބޮޑު ކުރިއެރުންތަކެއް ލިބިފައިވެ އެވެ. އެގޮތުން 100 އަށްވުރެގިނަ ވަޒީފާގެ ފުރުސަތު އިތުރުވެގެންގޮސް، ގިނަ ހިދުމަތްތަކެއް ތައާރަފު ކުރެވިފައިވެ އެވެ.
މިދަތުރުފުޅުގައި ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޮސްޕިޓަލުގެ ވެރިންނަށް ރައީސް އެރުވި އެވެ. މި ޒިޔާރާތުގައި އެ މަނިކުފާނު ވަނީ ހޮސްޕިޓަލުގެ ބޯޑާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއުދާއި މޭޔަރު އާތިފާއި ބޯޑްގެ ޗެއާޕާޝަންގެ އިތުރުން ހެލްތް މިނިސްޓަރު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.