ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްއާ ދެކޮޅަށް މިއަދު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ އިހްތިޖާޖުގައި ޕީޕީއެމް/ޕީއެންސީ މެމްބަރުންނަށް އޮޅިގެން ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވިއްޖެ އެވެ.
މިއަދު ހަވީރު ރައީސުލް ޖުމްހޫރިއްޔާ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ ވައިމަގުން އެއާޕޯޓަށެވެ. އެ ވަގުތު އެ ސަރަހައްދުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލަން ތިއްބެވެ.
އިހްތިޖާޖުގެ ބައިވެރިން ތިބީ އެއާޕޯޓް ބީޗް ސަރަހައްދުގައި ބޭނާ ހިފައިގެންނެވެ. ރައީސް، ފްލައިޓުން ފައިބައިވަޑައިގެންނެވިއިރުވެސް އެ މަނިކުފާނުގެ އިސްތިއުފާއަށް ދިޔައީ ގޮވަމުންނެވެ. ލައުޑް ބޭނުންކޮށްގެން އިސްތިއުފާއަށް ގޮވައި އަޑު ރައީސްއާ ހަމައަށް ސާފުކޮށް އިވޭނެ އެވެ.
ރައީސް އެއާޕޯޓް ތެރޭގައި މަޑުކޮށްލުމަށްފަހު، އެއާޕޯޓް ނުކުމެވަޑައިގަނެވި ތަނުން، އެ ވަގުތު މައިކް ހިފައިގެން ރައީސްއާ ދެކޮޅު ޝުއޫރު ފާޅުކުރަން ހުރި އިދިކޮޅު އެކްޓިވިސްޓް (އިބުރާހިމް)އަށް (އޮޅިގެން) "ރައީސް ޔާމީނޭ" ގޮވާލުމުން ސަޕޯޓަރުވެސް އިސްތިއުފާއަށް ގޮވި އެވެ. އެ ވަގުތު މައިކް ހިފައިގެން ހުރި އިބުރާހިމް ކައިރީގެ ތިބި ދެ މީހުން އެކަން ސަމާލުކަމަށް ގެނައުމުންވެސް އެކަމާ ވާހަކަ ދައްކަން ހުރި މީހާއަށް އެކަން ފަހުމްވިހެނެ ހިޔެ ނުވެ އެވެ.
އޭނާ ތިން ފަހަރުވެސް މައިކް "ރައީސް ޔާމީނޭ " ގޮވުމުން ސަޕޯޓަރުންވެސް ހަމަ ދިޔައީ ފޯރީގައި" އިސްތިއުފާއޭ" ގޮވަމުންނެވެ. ސަޕޯޓަރުންނަށްވެސް އެކަން ރޭކަލިހެނެ ހިޔެނުވެ އެވެ. ގައިމުންވެސް އިސްތިއުފާއަށް ގޮވަމުންދިޔަ ސަޕޯޓަރުންގެ އަޑެއް މަޑެއް ނުވެ އެވެ. ރައީސް ޔާމީނޭ ގޮވި ވަރަކަށް އެ މީހުން ހަމަ ދިޔައީ "އިސްތިއުފާއޭ" ގޮވަމުންނެވެ.
އެކަމަކު ހަތަރު ވަނަ ފަހަރަށް ގޮވަން ވާއިރަށް ކައިރިގައި ހުންނެވި ސްޓެއަރިންގ ކޮމެޓީގެ ނައިބު ރައީސް މުޖުތަބާ އަހުމަދު މައިކް އަތުލައި ރައީސް ސޯލިހް ގޮވަން ފެށި އެވެ. އޭރު ރައީސް ގޮސް ކާރުކޮޅަށް އަރާވަޑައިގަންނަވަނީ އެވެ. އެއީ ފޯރިގަދަ ވަގުތުކޮޅެއްކަމުން އެ ވީގޮތް އެތަނުގައި ތިބި ބައެއް ސަޕޯޓަރުންނަކަށްވެސް ނޭނގުނެވެ.
މީގެ ކުރިންވެސް އިހްތިޖާޖުތަކުގައި އެގޮތަށް ބައިކޮޅަށް ގޯލު ޖެހިފައި އެބަހުއްޓެވެ. ރައީސް ސޯލިހް ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއިރު އިދިކޮޅު ސަޕޯޓަރުން އިހުތިޖާޖުގައި ތިބިއިރު އެ މީހުން މައިގަނޑު ތިން ބެނާއެއް ގެންގުޅުނެވެ. އެއީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ލިޔެފައި އިން ބެނާއަކާއި ރައީސް ސޯލިހްގެ އިސްތިއުފާގެ ބެނާއެއްގެ އިތުރުން އިންޑިއާ އައުޓް ލިޔެފައިން ބެނާ އެކެވެ.