twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސިޔާސީ ކުލައަކަށް ބެލުމެއް ނެތި އިދާރާތަކާ ގުޅިގެން ކުރިންއަށް ދިއުމަށް ރައީސްގެ އަނބިކަނބަލުން އެދިވަޑައިގަންނަވައިފި

ނަބީލާ އިސްމާޢީލް
Jul 17, 2021

ސިޔާސީ ވަކި ކުލައަކަށް ބެލުމެއް ނެތި އިދާރާތަކާ ގުޅިގެން ކުރިންއަށް ދިޔުމަށް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އެދިވަޑައިގަންނަވައިފި އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތުރުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ މިއަދު ހެނދުނު ބައްދަލުކުރައްވާފަ އެވެ. ކުޅުދުއްފުށި އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީއަކީ ޕީޕީއެމެވެ. އަދި ކޮމެޓީގެ ރައީސާ އާއި ނައިބު ރައީސް އަކީވެސް ޕީޕީއެމަށް ނިސްބަތްވާ ކަނބަލުންނެވެ.

މި ބައްދަލުކޮށްލެއްވުމުގައި ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކޮމެޓީގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންތައްތައް ރައީސް އަނބިކަނބަލުންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން ކުޅުދުއްފުށީގެ ކަނބަލުން ތައްޔާރުކުރާ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށާއި، ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ކުރިއަށް ދެވެން އޮތް ހަނި ދާއިރާ އިތުރަށް ފުޅާކޮށްދިނުމަށާއި، މަތީ ތައުލީމު ހާސިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ވަނީ ފާހަގަކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކޮށްފައިވާ ކަންތައްތަކަށް އަލިމަގެއް ހޯދޭނެމަގުތައް ވިދާޅުވެދެއްވާފައެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ވަކި ސިޔާސީ ކުލައަކަށް ބެލުމެއް ނެތި ރަށުގެ ހުރިހާ އަންހެނުންގެ ހިޔާލުތައް އެއްކޮށް އެޔާއެއްގޮތް ވާގޮތުގެ މަތީން ޕްލޭންއެއް އެކުލަވާލައި އެ ޕްލޭންގައި ހުރިކަންކަން ހަޤީޤަތަކަށް ހެދުމަށް ވަކި ވަކި މުވައްސަސާތަކާއި ގުޅިގެން ކުރިއަށް ދިއުމަށް އެދިވަޑައިގަތެވެ.

މީގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ ހިއްސާ ރަށުގެ ކަންކަމުގައި ފުޅާކުރުމަށް ކުރެވެންހުރި މުހިންމު ކަންކަން އެކަމަނާ ވަނީ ކުޅުދުއްފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ހިއްސާކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުން މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ.ގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި އިތުރުން އެ އަތޮޅު ކުމުންދޫ އަދި ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސް އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355