61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުންގެ އާ ޤާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމުގައި ވިދާޅުވަމުން ރައީސް ވަނީ ފުލުހުންގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވާފަ އެވެ.
61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ޕުރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓާރޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުންވެސް ހިމެނޭކަމުގައި ރައީސް ވިދާޅުވި އެވެ.
ޤާނޫނުތައް ހިންގުން އޮތީ ފުލުހުންގެ އަތްމަތީގައިކަމަށާއި މުޖުތަމައުއަށް އެންމެ ބޮޑަށް ބޭނުންވަނީ މިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ހިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން އާންމުން ފުލުހުންނަށް ކުރާ އިތުބާރުވެސް އިތުރުވެފައިވާކަމެވެ.
ފުލުހުންގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ރައީސްއާ ހިއްސާކުރައްވައި ޕޮލިސް ސްޓޭޝަންގެ ފަރާތުން ވާހަކަ ދެއްކިއިރު ފުލުހުންގެ މަސައްކަތާ ގުޅިފައިވާ އެހެން މުއައްސަސާތަކުންވެސް ފުލުހުންނާ ގުޅިގެން ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ފުލުހުން ހިއްސާކުރެއްވި ވާހަކަތަކަށް ބަލާލާއިރު އާ ޤާނޫނުގެ ދަށުން ގެނެވޭ ބަދަލުތަކާ އަދި މީހުން ބިނާކުރުންފަދަ ފުލުހުންގެ ހިދުމަތުގެ ތަރައްގީއަށް މިހާރު ކުރަމުންގެންދާ ބައެއް މަސައްކަތްތަކާއި ވަސީލަތާއި އުމްރާނީގޮތުން ބޭނުންވާ ކަންކަމަކީ ހިދުމަތް އިތުރަށް ފުޅާކުރަން ބޭނުންވާ ކަންކަން ކަމުގައި ފާހަގަކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި މިހެން ވިދާޅުވިއިރު މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވެސް ރައީސް ވަޑައިގެންނެވި އެވެ. އަދި އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.