- ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ ސަރުކާރުން ލޯނު ނަގައިގެން
- އެ އެއާޕޯޓްގެ މިލްކްވެރިކަން އޮންނާނީ ސަރުކާރުގައި
- އެއާޕޯޓްގައި ބޭރު ސިފައިނެއް ނުތިބޭނެ
ހދ ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރާ ބައިނަލް އަގްވާމީ ވައިގެ ބަނދަރުގައި ބޭރު ގައުމެއްގައި ސިފައިގެ ބަޔަކު ނުތިބޭނެ ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެ މަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ހަނިމާދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންގެ ބަޔަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ރަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމަށެވެ. އެއާޕޯޓާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކާ ގުޅިގެން ރައީސް އިތުރަށް ވިދާޅުވީ އެތަނުގައި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކުވެސް ނުތިބޭ ކަމަށެވެ.
އަދި ރާއްޖޭ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށާއި އަދި ކުރިއަށް އަންނަ ސަރުކާރުތަކުންވެސް އެފަދަކަމެއް ކުރާނެކަމަށް ގަބޫނުކުރައްވާކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއާޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެންނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް ރައްޔިތުނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދެވުން ކަމުގައެވެ.
ރައީސް ވަނީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމުގެ މުހިންމުކަމާއި އޭގެ ސަބަބުން ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދާނެ މަންފާތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ބައެއް އާންމު ފަރާތްތަކުން ވަނީ މި ޕްރޮޖެކްޓަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ޕްރޮޖެކްޓެއްކަން ފާހަގަކޮށް މި ކަމުގައި ރައްޔިތުންނާ މަޝްވަރާކޮށް މައުލޫމާތު ދެއްވީތީ ރައީސްއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ ފަރާތްތަކުން ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ އެމްއެންޑީއެފްއަށް ބިން ހާއްސަކުރަން ހުށަހަޅާފައިވާ ސަރަހައްދާއި އެއާޕޯޓް ރަންވޭ އެކްސްޓެކްޝަންއަށް ހާއްސަކުރާ ބިމާމެދުކަން ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ފަރާތްތަކުން ހުށަހެޅި ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ހާއްސަކޮށް އެމްއެންޑީއެފްއަށް ހާއްސަކުރާ ބިމަކީ މުޅި އެމްއެންޑީއެފްގެ މުޅި ނޮދަން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކާ ހާއްސަކުރާ ބިމެއްކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަ ބަދަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އާންމު ފަރާތްތަކުން ވަނީ ހަނިމާދޫއާ ބޮޑުތިލަދުންމަތީގެ އެހެން ބައެއް މަޝްރޫއުތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.