twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސާފަރުންގެ "ލައިޓް ޝޯ" އާއެކު ހިތްތަކަށް އުފާވެރިކަން

ޚަދީޖާ އާދަމް
Jul 23, 2021

ނިމިގެން މިދިޔަ އަޟްހާ އީދަކީ ކުޅުދުއްފުށީގައި އީދު ފާހަގަ ކުރުމަށް އެއްވެސް ހަރަކާތެއްނެތް އީދެކެވެ. ރާއްޖޭގައި އަދިވެސް ކޮވިޑްގެ ހާލަތުން ނުވީއްލެ އޮތުމާއެކު ކޮވިޑްގެ އިތުރު ރާޅެއް އެރުން ހުއްޓުވުމަށް އެޗްޕީއޭއިން ގިނަ މީހުން އެއްވެ އީދު ކުޅިވަރު ނުކުޅެން އެންގުމުން އެކަމަށް ކުޅުދުއްފުށިން ބޯލެބީ ވަރަށް ފުރިހަމައަށެވެ.

އެޗްޕީއޭގެ އެ އެންގުމާއެކު މިފަހަރުގެ މަށިމާލި ޕެރޭޑްވެސް ކެންސަލްވީ އެވެ. އެއީ ބޮޑު އީދުގައި ކުޅުދުއްފުށީގެ "ސިގްނޭޗރ" ކުޅިވަރެވެ. ހަރަކާތްތައް ކެންސަލްވުމާއެކު އަދި އީދު ބަންދަ އެޗްޕީއޭއިން ދަތުރު ކުރުމަށް ދިން ލުޔާއެކު ގިނަ މީހުން ފުރަފުރައިންގެން ދިޔައީ ކައިރި ރަށްރަށަށެވެ.

ނަމަވެސް ރަށުގައި ފޫހިވެފައި ތިބި ރައްޔިތުންނަށް ކުޅުދުއްފުށީ ކައިޓް ސާފަރުންވަނީ ރޭ ވަރަށް ފުރިހަމަ ޝޯވ އެއް ދީ ފައެވެ. "ކައިޓް ބޯޑިން ކުޅުދުއްފުށި" ގެ ފަރާތުން 10 ސާފަރުންނާއެކު ރޭ ކުޅުދުއްފުށީ އުތުރު ފަރާތު މޫދުގައި ކުރިއަށް ގެންދިޔަ ލައިޓް ޝޯއަކީ ހަގީގަތުގައިވެސް ވަރަށް ފުރިހަމަ ހަރަކާތެކެވެ. ކައިޓްތައް ދުރަށް ފާހަގަވާ ގޮތަށް ބޮކިފަތި ހަރުކޮށް ކައިޓްތައް އަރުވާލިއިރު ހިތައް ހިތްހަމަޖެހުން ގެނެސްދިނެވެ. ކައިޓްތަކުގެ އިތުރުން ސާފަރުން ގައިގަވެސް ހުރީ ބޮކިފަތި ހަރުކޮށްފައެވެ.

ގިނަ ބަޔަކު މި ހަރަކާތް ބަލާލުމަށް އެ ސަރަހައްދަށް އެއްވި އިރު ހަރަކާތް ބަލާލެވޭނެހެން ބޮޑު ސަރަަހައްދެއް އޮތުމުން އެންމެން އެއްތަނަކަށް ބޮޑިނުވެ ރީތިކޮށް ހަރަކާތް ބަލާލެވޭނެ ފުރުސަތުވެސް އޮތީ ފަހިވެފައެވެ.

މި ހަރަކާތައް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އެ ސަރަހައްދުގައި ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ހަދާފައިހުރި ފެންއަރުވާ ވަޑާމެވެ.

މި ހަރަކާތައް ފަހު ކައިޓް ބޯޑިންގެ ފަރާތުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ މި އަހަރަށް ކައިޓް ބޯޑިންގެ ފަރާތުން އިންތިޒާމްކުރި ފުރަތަމަ ހަރަކާތްކަމަށާއި ހަރަކާތް ވެގެން މިދިޔައީ ވަރަށް ކާމިޔާބު ހަރަކާތަކަށް ކަމަށެވެ. އެގޮތުން ހަރަކާތުގައި ބައިވެރިވި ހުރިހާ ސާފަރުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެކުރިންވެސް ކައިޓް ބޯޑިން ކުޅުދުއްފުށީގެ ފަރާތުން ވަނީ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެއިން ކޮންމެ ހަރަކާތަކަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355