twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްވިންޓިޕް ކައިޓް ރޭހެއް، ކުޅުދުއްފުއްޓަށް ތާރީހެއް

ޚަދީޖާ އާދަމް
Aug 7, 2021
1

ކައިޓް ބޯޑިން ކުޅުދުއްފުށީގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްވިންޓިޕް ކައިޓް ރޭހެއް ބާއްވައިފި އެވެ. މިއީ ޓްވިންޓިޕް ބޯޑު ބޭނުންކޮށްގެން މިގޮތަށް ރާއްޖޭގެ ކުރިއަށްގެންދިޔަ ފުރަތަމަ މުބާރާތެކެވެ.

"ޓްވިންޓިޕް ކައިޓް ރޭސް-2021" ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ރޭހުގައި 15 ސާފަރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެއާޕޯޓް ބީޗު ސަރަހައްދުގައެވެ. އެއާޕޯޓް ބީޗުން ފެށިގެން އެދިމާ ބޭރުން ކަނޑަށެވެ.

މި ރޭސް ކުރިއަށް ގެންދިޔައީ ދެ މޭލުގެ ރާސްތާއަކަށް 3 ބުރަކަށް ބަހާލައިގެން، ކޮންމެ ބުރެއްގައި 5 ސާފަރުން ބައިވެރިވެގެންނެވެ. އަދި ފައިނަލް ބުރު ކުރިއަށް ގެންދިޔައީ ކޮންމެ ބުރަކުން އެއްވަނައަށް ދިޔަ ބައިވެރިންނާއެކު އެވެ.

ކައިޓް ބޯޑިން ކުޅުދުއްފުށިން ބުނީ މި ހަރަކާތާއެކު ދިވެހިރާއްޖޭގެ މޫދު ކުޅިވަރުގެ ތާރީހުގެ ތެރެއިން ބޮޅެއް އަމުނާލެވުނުކަމުގެ ޝަރަފު މި ސީޓީއަށް ހޯދައިދެވުނު ކަމީ ލިބުނު ފަހުރެއްކަމަށެވެ.

އެގޮތުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ކައިޓް ބޯޑިން ކުޅުދުއްފުށީ ޓީމަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ. މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތަނުގެ އިންތިޒާމުކުރާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މީގެ ކުރިންވެސް ކުޅުދުއްފުށި ކައިޓް ބޯޑިންއިން މިފަދަ ގިނަ އާ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެ އެވެ. އެގޮތުން މިދިޔަ ބޮޑު އީދު ތެރޭގައި ރޭގަނޑު ލައިޓް ޝޯއެއްވެސް ކައިޓް ސާފަރުން ކުރިއަށްގެންދިޔަ އެވެ.

އަދި ރާއްޖޭގައި އެންމެ ދުރު ރާސްތާއަކަށް ކައިޓް ދުއްވައިގެން އެކަމުގެ ރެކޯޑްވެސް އޮތީ ކުޅުދުއްފުށީ ކައިޓް ބޯޑިންގެ އަތުގައި އެވެ. އެއީ 2019 "ގަމީސް ވައިދަށަށް" ނަމުގައި ކުރިއަށްގެންދިޔަ އިވެންޓެއްގައި ކުޅުދުއްފުށީ- ށ ފުނަދޫއަށް ކައިޓްގައި ދަތުރުކޮށްގެންނެވެ. އެއީ 35 މޭލެވެ.

ކުޅުދުއްފުށި ކައިޓްބޯޑިންގައި 60 އެއްހާ ކައިޓް ސާފަރުން ހަރަކާތްތެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355