twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނަޝީދަށް ދިން ހަމަލާގައި ބައިވެރިވި އިތުރު މީހުންގެ ވަނަވަރު އާންމުކޮށްފި

ނަބީލާ އިސްމާޢީލް
Jul 24, 2021

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިތިބި އެންމެންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން ވަނީ އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ.

ފުލުހުން ވަނަވަރު އާންމުކުރި މީހުންނަކީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ކ. މާލެ، ކުދެހިގެ، އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމްގެ އިތުރުން ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އެވެ.

ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ސީޕީ ހަމީދު ވިދާޅުވިގޮތުގައި ހަމަލާ ދިނުމަށް އެންމެ އިސް ދައުރެއް އަދާކުރައްވާފައިވަނީ ތަސްލީމް، އިސްހާގު އަދި އަލީ ހައިޝަމް އެވެ. އެމީހުންގެ ތެރެއިން ތަސްލީމް ހައްޔަރުކޮށްފައިވަނީ މިއަދުކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ތަހުގީގު ހޯދުން ތަކުން މި ހަތަރު މީހުންގެ ތެރެއިން އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މިހާރު ހައްޔަރުކޮށްފައިވާ މީހުންނާއެކު ޖުމްލަ 10 މީހަކު ވަނީ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައެވެ. ސީޕީ ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް 840ށް ވުރެ ގިނަ ތަންތަނަށް ޒިޔާރަތްކޮށް، 200ށް ވުރެ ގިނަ މީހުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355