twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ގޮވާލާ ގަރާރެއް ނަޝީދު ހުށަހަޅުއްވައިފި

ނަބީލާ އިސްމާޢީލް
Jul 25, 2021

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ވެސް އެ މަނިކުފާނު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.

ނަޝީދު މިރޭ ހުށައެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފުލުހުންނާއި ޕީޖީން ރޭ އާންމު ކުރި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް އެމްޑީޕީއަށް ފެންނަ ގޮތްތަކެއް ނިންމަން ހުށައަޅުއްވާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް ވެސް ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި ޕީޖީ އޮފީހުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ. އެގޮތުން ހަމަލާ ދިނުމާއި، ރޭވުމުގައި އިސްކޮށް އުޅުނު ޖުމްލަ ދިހަ މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު އެ ހަމަލާއަކީ ފައިސާ ހުށަހަޅައިގެން ދީފައިވާ ހަމަލާއެއްކަމަށް ބެލެވެން ނެތްކަމަށް ފުލުހުން ވަނީ ރޭގެ ބައްދަލުވުމުގައި ބުނެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވައިލާ ގަރާރެއް އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވިއިރު، ގާނޫނު އަސާސީބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެވެ.

ނަޝީދު އެ ގަރާރު ހުށަހެޅުއްވުމުގެ ކުރިން އެ މަނިކުފާނު މިއަދު ވަނީ ހޯމް މިނިސްޓްރީ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދަށަށް ގެންދެވުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލައްވައިފަ އެވެ. އަދި ހަރުކަށި ފިކުރަށް ތަބާވާ މީހުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355