ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި ފަރާތްތަކަށް ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް)އިން ތައްޔާރުވެއްޖެ އެވެ.
ކޮވިޑް-19 ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެސްޓްރަޒެނިކާ އިން ދެވަނަ ޑޯޒް ޖެހޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވުމާއެކު، ދިވެހިރާއްޖެގެ ވެކްސިނާއި ބެހޭ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ވަނީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިސީލްޑް ޖަހާފައިވާ ފަރާތްތަކަށް އެސްޓްރަޒެނެކާ ދެވަނަ ޑޯޒްގެ ގޮތުގައި ޖެހުމަށް ލަފާދީފަ އެވެ.
އެގޮތުން ކޭއާރުއެޗުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒުގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ އެސްޓްރަޒެނެކާ ވެކްސިކަމަށެވެ.
ކޭއާރުއެޗްގެ މެނޭޖަރު އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ މިހާރު ލިބިފައި ހުރި ވެކްސިން ސްޓޮކް އަކީ މުޅި މި އަތޮޅުގެ ވެކްސިން ޖެހޭ އާބާދީ ކަވަރ ކުރެވޭ ވަރުގެ ސްޓޮކެއް ކަމަށެވެ.
" އަޅުގަނޑުމެންގެ އެދުމަކީ އެންމެ ބޭފުޅުން ވެސް ވެކްސިން ޖެހުމަށް ހާއްސަ ކުރެވިފައިވާ ދުވަސްތަކުގައި ވަޑައިގެން ދެ ޑޯޒު ފުރިހަމަ ކުރުމަށް. މި ފުރުސަތުގައި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ކޮވިޑްގެ ބިރުވެރިކަމުން ސަލާމަތް ކުރުމަށާއި ވެކްސިން ޖެހިފައިވާ އާބާދީ 90 އިންސައްތަ އަށް ވުރެ މައްޗަށް ގެންގޮސް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރަން. އަދި ސިއްހީ ހިދުމަތްތެރިންނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ރައްދު ކުރަން" މެނޭޖަރ އިތުރަށް ވިދާޅުވި އެވެ.
ވެކްސިން ޖެހުން ކުރިއަށްދާނީ އަފީފުއްދީން ސްކޫލު ހޯލުގައި މާދަމާއިން ފެށިގެން އޯގަސްޓް 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ކިއުނަންބަރު ދޫކުރުން ހެނދުނު 08:00 ން 10:00 އަށް ކުރިއަށްދާއިރު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ 14:00 ން 17:00 އަށެވެ. ވެކްސިން ޖެއްސެވުމަށް އަދި ކިޔޫ ނަންބަރު ނެގުމަށް ދާއިރު ވެކްސިން ކާޑު ގެންދުއުމަށާއި ސާޖިކަލް މާސްކު އަޅައިގެން ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އަންގާފަ އެވެ.
މާދަމާ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާޗް 7 ވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތް ތަކަށްކަމަށާއި 29 ވަނަ ދުވަހު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ 09 މާޗުގަ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތް ތަކަށެވެ. އަދި 30 ވަނަ ދުވަހު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ 10 މާޗުގަ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތް ތަކަށެވެ.
މީގެ އިތުން 31 ވަނަ ދުވަހު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ 11 ން 18 މާޗަށް ކޮވިސީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތް ތަކަށެވެ. އަދި 1 އޯގަސްޓްގައި ވެކްސިން ޖަހާނީ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.