މިމަހު ފަހުކޮޅު ފަށާ އޭއެފްސީ ކަޕަށް މާޒިޔާ އާއި އީގަލްސްއިން މީޑިއާ އާއި ސަޕޯޓަރުންގެ އެހީއަށް އެދެފި އެވެ.
ކުލަބް ހައުސްގައި ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) އާއި މާޒިޔާގެ މީޑިއާ ކޯޑިނޭޓަރު ހަސަން ޝިފާން ވަނީ މީޑިއާ އާއި ސަޕޯޓަރުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ދެކުނު އޭޝިއާގެ ޒޯނަށް ހާއްސަ ގުރޫޕް ޑީގެ މެޗުތައް މިމަހު ފަހުކޮޅު މާލޭގައި ފެށިގެންދާނެ އެވެ. މި ގުރޫޕްގައި ހިމެނެނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާއި އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބޮށުންދަރާ ކިންގްސް އެވެ. މިގުރޫޕުގެ ފަހު ޖާގަ ޔަގީންވާނީ މިމަހު 18 ގައި އެންމެ ފަހުން ބޭއްވި އޭއެފްސީ ކަޕުގެ ފައިނަލިސްޓް ބެންގަލޫރާއި ރާއްޖޭގެ ކުލަބް އީގަލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް އެނގުނީމަ އެވެ. އެމެޗުން މޮޅުވާ ޓީމު ގުރޫޕް ޑީ އާ ޖޮއިން ކުރާނެ އެވެ.
އޭއެފްސީ ކަޕާ ދިމާކޮށް ރާއްޖޭގެ ކުލަބުތަކުން ވަނީ މޮޅެތި ކުޅުންތެރިންތައް އެޓީމުތަކަށް ގެންގޮސްފަ އެވެ. އެގޮތުން ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) އަދި މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސާ (މެސީ) އަދި އަހުމަދު ހަސަން (އައްމަޑޭ) އާއި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ.
ބެންގަލޫރު އެފްސީ އަކީ ވެސް ވަރަށް ވަރުގަދަ ޓީމެކެވެ. ބެންގަލޫރު ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށް ހުރީ އިންޑިއާގެ ލެޖެންޑު ސުނިލް ޗެތްރީ އެވެ. އަދި މާޒިޔާއިން ވަނީ ކުރިން ސަސްއަށް ކުޅުނު ގޯލްކީޕަރު އުޒްބެކިސްތާންގެ މިރްޒޮހިދު މަމަކްތޯނޯފް އެޓީމަށް ގެނެސްފަ އެވެ.