މި އަހަރުގެ ބަޖެޓުގައި ހަރަދު ކުރުމަށް ކަނޑައެޅި ފައިސާގެ ދެބައިކުޅަ އެއްބައި ހަރަދުވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާއްމުކުރާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރު ހަރަދު ކުރުމަށް 33.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު، މިހާތަނަށް 15.2 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
މި އަހަރުގެ ބަޖެޓަށް މިހާތަނަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި 7.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތްގޮތުން 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 87 ބިލިއަން ރުފިޔާ އެވެ.
ބަޖެޓުން ހަރަދުކޮށްފައިވާ ދާއިރާ ތަކަށް ބަލާއިރު ރިކަރަންޓް ހަރަދުގެ ގޮތުގައި މިހާތަނަށް 11.6 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި މުސާރަ އާއި ޕެންޝަން ދޭން 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަށް 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ކޮވިޑް-19އާ ގުޅިގެން އެ ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެކަނިވެސް ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.