ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ޖަހައިދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 12 އަހަރުން މަތީގެ ކުޑަކުދިންނަށް ރާއްޖޭގައި ދޭނީ ފައިޒާ ވެކްސިން ކަމަށެވެ. އަދި އެ ވެކްސިން ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމަށެވެ.
ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އުމުރުން 12 އަހަރުން މަތީގެ ކުދިންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ގުނަވަންތައް ބަދަލުކުރުން ފަދަ ފަރުވާ ހޯދާފައިވާ މީހުންނަށް ވެސް ކޮވިޑުން ދިފާއު ވުމަށްޓަކައި ފައިޒާ ވެކްސިން ދޭނެ ކަމަށެވެ. އަދި ކޮވިޝީލްޑް ވެކްސިން ފުރަތަމަ ޑޯޒް ޖެހިފަހުން މާބަނޑުވި މީހުންނަށް ދެވަނަ ޑޯޒްއަކަށް ދޭނީ ފައިޒާ ވެކްސިންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރު ގައުމަތަކަށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން އެ ދާ ގައުމަކުން ފައިޒާ ނޫން އެހެން ވެކްސިންއެއް ގަބޫލުނުކުރާނަމަ އެ ދަރިވަރަކަށްވެސް ފައިޒާ ވެކްސިން ޖެހޭނެކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ސްކޫލު ދަރިވަރުންނަށްވެސް ވެކްސިން ޖެހުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސްކޫލްތަކާ ގުޅިގެން ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ފަށަން އަންނަނީ ތައްޔާރުވަމުން ކަމަށާއި އެ ކުދިންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ ވެކްސިން ސެންޓަރުތަކަށް ގެންގޮސްގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ރާއްޖޭގައި އަންނަނީ ހަތަރު ބާވަތެއްގެ ވެކްސިނެއް ދެމުންނެވެ. އެއީ ފައިޒާގެ އިތުރުން ކޮވިޝީލްޑާއި އެސްޓްރާޒެނެކާ އާއި ސިނޮފާމެވެ.