މި އަހަރުގެ މިހާތަނަށް ރާއްޖޭން ނަގާފައިވާ ލޯނުތަކަށް 626.9 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ލޯނު ދައްކަން ބަޖެޓުކޮށްފައިވަނީ 1,469.9 ބިލިއަން ރުފިޔާ އެވެ.
އެ މިނިސްޓްރީން އާންމުކުރި ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 626.9 މިލިއަން ރުފިޔާ ލޯނު ދައްކަން ހަރަދު ކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލޯނު ދައްކަން ވަނީ 628.0 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ރާއްޖޭގެ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަންޏާއެކު ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 79.8 ބިލިއަން ރުފިޔާ އަށް އަރާފައެވެ.
ބޭރުގެ ދަރަނީގެ ނިސްބަތަކީ 38 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި އުޅެނީ 41 ބިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން ބަލާނަމަ މިހާރު ވަނީ 138 ޕަސެންޓަށް އަރާފަ އެވެ. ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ހުރީ 66 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 72 ޕަސެންޓުގަ އެވެ.
ދަރަނި މަތިވެގެން ގޮސްފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާ އިން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ލޯނު ނަގަމުންނެވެ. މި ކަމަށް ނަގާ ލޯނުގެ ސަބަބުން ދަރަނި ދަނީ މަތިވަމުންނެވެ.
މި އަހަރަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި އަހަރުގެ ނިޔަލަށް ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވިދާޅުވެފަ އެވެ.