ށ ފޯކައިދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 130 މީހުން ރަނގަޅުވެފައިވާކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ފޯކައިދޫ ހެލްތް ސެންޓަރުގެ މެނޭޖަރު އަންވަރު ވިދާޅުވީ އެރަށުން ބަލި ޖެހުނު 164 މީހުންގެ ތެރެއިން 130 މީހުން މިހާރު ބަލިން ރަނގަޅުވެފައިވާކަމަށާއި މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 34 ކަމަށެވެ.
އޭނާ ވިދާޅުވީ މިވަގުތު މޮނީޓަރިންގައި އޮތީ 20 ގެ ކަމަށާއި އެގޭތަކުގައި ޖުމްލަ 68 މީހުން ކަރަންޓީނުގައި އެބަތިބި ކަމަށެވެ. މިވަގުތު އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އަންވަރު ވިދާޅުވި އެވެ. ނަމަވެސް ކުރިން ހާލު ދެރަވެގެން 4 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދިނިންކަމަށާއި ހާލު ދެރަވި 3 މީހަކު ފެސިލިޓީއަށްވެސް ފޮނުވާލިކަމަށެވެ.
އޭގެތެއިން 2 މީހަކު ރިކަވާ ވެގެން ރަށަށް ގެނެވިފައިވާކަމަށައި މި ވަގުތު ފެސިލިޓީގައި ފަރުވާދެމުންދާ މިހާގެ ހާލުވެސް ރަނގަޅުކަމަށް އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ ރޭންޑަމް ސާމްޕަލައެއް ރަށުން ޕޮޒިޓިވް ނުވާތާ 14 ދުވަސްވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ރަށުގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް މޮނީޓަރިންގައި އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ނިންމާފައިވާކަމަށެވެ.
އެރަށު ކައުންސިލްގެ ރައީސް އާސިފް ވިދާޅުވީ ހާލަތު ރަނގަޅުވަމުން އަންނާތީ ރައްޔިތުންނަށް ބައެއް ލުއިތައް ދީފައިވާކަމަށާއި އެގޮތުން މަސް ބޭނުމަށާއި، ދަނޑުވެރިކަމަށް ކައުންސިލުން ހުއްދައާއެކު ބޭރަށް ދެވޭނެކަމަށެވެ. ނަމަވެސް މިހާރުވެސް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި ދެމުން ދަނީ ޑެލިވަރީގެ ހިދުމަތްތައްކަމަށް އާސިފް ވިދާޅުވި އެވެ.