twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގެ ކަނޑުތަކުން ފެންނަ ނުރައްކާތެރި 5 ދިރުމެއް

މުޙައްމަދު އަހުމަދު
Aug 9, 2021
1

ރާއްޖޭގެ ކަނޑުތަކަކީ ވަރަށް މުއްސަނދި ކަނޑުތަކެކެވެ. އެތައް ބައިވަރު ދިރުންތަކެއް ރާއްޖޭގެ ކަނޑުތަކުގައި އުޅެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭއަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވެ އެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ވެސް ވަރަށް ބޮޑަށް ފައިދާވެ އެވެ.

މުޅި ދުނިޔޭގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ވަރަށް މަޝްހޫރު ކަނޑުތަކެވެ. އެތައް ވައްތަރެއްގެ ތަފާތު ދިރުންތަކެއް ރާއްޖޭގެ ކަނޑުތަކުގައި ލައްވާފައިވެ އެވެ. ރާއްޖޭގެ ރީތިކަމަކީ އަހަރެމެން ދިވެހިން ފަހުރުވެރިވާ ކަމެކެވެ. ރީތިކަމުގެ އިތުރަށް ވަރަށް ނުރައްކާތެރި ވިހަގަދަ ދިރުންތަކެއްވެސް ރާއްޖޭގެ ކަނޑުތަކުގައި އެބަ އުޅެ އެވެ. އޭގެތެރެއިން ތިރީގައި މިވަނީ 5 ދިރުމެކެވެ.

ފަންހާ މަސް:

ފަންހާ މަހަކީ ދިވެހިރާއްޖޭގެ ކަނޑުން ފެންނާނެ އެންމެ ރީތި މަސްތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ މަހެކެވެ. ވަރަށް މަދުން ނޫނީ ނުފެންނަ މިމަހަކީ އޭގެ ކަށި ގަޔަށް ހެރި އޭގެ ވިހައިގެ އަސަރުން މީހަކު މަރުވެސް ވެދާނެ މަހެކެވެ. ވަގުތުން ރަނގަޅު ފަރުވާއެއް ނުދެވިއްޖެނަމަ ވަރަށް ދެރަ ނަތީޖާއެއް ނުކުމެދާނެ ކަމެކެވެ. މިމަސް ފަރުތަކުގައްޔާއި ފަޅުތަކުގައި ވެސް އުޅެ އެވެ.

3 ނުވަތަ 4 އިންޗި ހުންނަ މިމަހަކީ އެއާ އެހާ ކައިރިވުން ރައްކާތެރި މަހެއް ނޫނެވެ. އޭތި އޭތީގެ އަމިއްލަ ޓެރިޓޮރީ ދިފާއުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދެ އެވެ. އެއާ މާ ގާތް ވެއްޖެނަމަ އެމީހެއްގެ ގަޔާ ދިމާލަށް އުދުހިގެން އައިސް ހަށިގަނޑަށް އޭގެ ވިހަ ދޫކޮށްލާނެ އެވެ. މިމަސް ކައިރީގައި އުޅޭއިރު 8 ފޫޓުގެ ދުރުމިނެއް ބެހެއްޓުމަކީ އެދެވިގެންވާ ކަމެކެވެ. އަދި އެހާ ތެޅި ނުގަނެ ހަމަޖެހިލައިން އޮތުމަކީ ވެސް މުހިއްމު ކަމެކެވެ. ނަމަވެސް މިމަހަކީ މީހުން ފަހާ ދުވެ ހަމަލާދޭ ޒާތުގެ މަހެއް ނޫނެވެ.

ގާވިޔާ މަސް:

ގާވިޔާ މަހަކީ މުޅި ދުނިޔޭގައި ވެސް އެންމެ ވިހަގަދަ މަހުގެ ގޮތުގައި ފާހަގަކުރެވިފައި އޮންނަ މަހެވެ. ގާވިޔާ މަހަކީ އެހާ ފަސޭހައިން ލޮލަށް ފެންނަ މަހެއް ނޫނެވެ. އޭގެ ވެށީގެ ތެރެއަށް އެސޮރަށް އެއްކޮށްހެން ވަދެ ގެއްލުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ. ބޭނުން ގޮތަކަށް ކެމްފުލާޖްވުމުގެ ގާބިލުކަން ގާވިޔާ މަހަށް ލިބިފައިވާއިރު އެހެން މަސްތަކަށާއި ޑައިވަރުންނަށް ވެސް މި މަސް ހޯދަން އުދަނގުލެވެ. ވާނީވެސް އެހެންތާ އެވެ. ކޮންމެ ދޭތެރެއަކަށް ވަދެވެސް ގެއްލިދާނެ އެވެ.

ގާވިޔާ މަސް އާއްމުކޮށް ފެންނަނީ ގާގަލުންނާ މުރަކަތަކުގެ ތެރެއަށް ވަދެ ކެމަފުލާޖުވެގެން އޮއްވަ އެވެ. ރާއްޖޭގެ ކަނޑުތަކުން އާއްމުކޮށް ފެންނަ ގާވިޔާ މަހުގައި ހުންނަނީ ޗޮކްލެޓް އަދި އަޅި ފާޑުގެ ކުލައަކަށްވާ ކުލައެކެވެ. އަދި އޭގެ ހަށިގަނޑުގައި ރަތާއި ރީނދޫ ކުލައިގެ އެއްޗެހިތަކެއް ވެސް ހުރެ އެވެ. ގާވިޔާމަހަކީ ފުދޭވަރަކަށް ބޮޑު މަހެކެވެ.

20 އިންޗީގެ ގާވިޔާ މަސްވެސް ފެންނައިރު މިމަސް ނުރައްކާތެރި މަހަކަށް ވަނީ ފަންހާ މަހާ އެއްގޮތަށް މީގައި ހުންނަ ވިހަ ކަށިތަކުގެ ސަބަބުންނެވެ. މިސާލަކަށް އޮޅިގެން އޭގެ މަހަކަށް އެރިއްޖެނަމަ ރިހުން ގަދަ ވިހައެއް ހަށިގަނޑުގެ ތެރެއަށް ދޫކޮށްލާނެ އެވެ. ފަންހާ މަހާ އެއްގޮތަށް މިހާލަތުގައި ވެސް އަވަސް ފަރުވާގެ ހިދުމަތް ލިބުން ވަރަށް މުހިންމެވެ. މިކަމުން ސަލާމަތްވުމަށް އެންޓި ވެނޮމްއެއް ބޭނުންވާނެ އެވެ.

ބްލޫ ރިންގްޑް އޮކްޓޮޕަސް:

ބްލޫ ރިންގްޑް އޮކްޓޮޕަސް: ފަންހާ މަހަކަށް ވަކި ދުލެއް ނުދޭ ރީތިކަމުގެ ނަމޫނާ މަހެއްގެ ގޮތުގައި ފާހަގަވެފައި އޮންނަ ބްލޫ ރިންގްޑް އޮކްޓޮޕަސްއަކީ ވެސް ރީތި ދިރުމެކެވެ. މިއަކީ ބިރުގަންނަން ޖެހޭ މިންވަރަށް ވިހަ ގަދަ ދިރުމެކެވެ. އިންޑިއާގެ ކަނޑުގެ އެކި ހިސާބުތަކުން މިބޯވަ ފެނެ އެވެ. ރާއްޖޭން ވެސް ފެނިފައި އެބަހުއްޓެވެ.

ރީނދޫ ކުލައިގެ ހަންގަނޑަކާ ނޫކުލައިގެ އުންތަކެއް ލާފައި ހުންނަ މި ބޯވަ ވަރަށް ކުޑަ އެވެ. މީގެން އުފައްދާ ވިހަ އުފެދެނީ އޭގެ ކުޅުންނެވެ. ބާރުގަދަ ނިއުޓްރޯޓޮކްސިން ޓެޓްރޮޑޯޓޮކްސިން ހިމެނޭ މި ވިހަ އަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވާވަރުގެ އެއްޗެކެވެ. އެހެންކަމުން މިއާ އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ދަތްފުކު ރޮނޑު:

ދަތްފުކު ރޮނޑު: އިނގިރޭސިން ބުނާނަމަ ޓްރިގާ ފިޝް އަކީ ސުނޯކަލްކުރާ މީހުންނާއި ޑައިވަރުންނަށް ހަމަލާދޭ އެއްޗެއް ނޫނެވެ. އޭތި ދަތް އެޅުން ގާތެވެ. އެކަމަކު އޭތި ދަތް އަޅާނީ އޭގެ ދަރިންގެ ދިފާއުގައި ނުވަތަ އަމިއްލަ ނަފްސު ދިފާއުކުރާށެވެ.

އޭތި ދަތް އެޅުމުން ބާރުގަދަ ވިހައެއް ދޫކޮށެއް ނުލާނެ އެވެ. ނަމަވެސް އޭގެ ދަތްތަކަކީ ވަރަށް ތޫނު ދަތްތަކެކެވެ. އެހެން ކަމުން އޭތި ދަތް އެޅުމުން ވެސް އަވަސް ފަރުވާ ހޯދަން ޖެހިދާނެ އެވެ.

ނޫކާޅު:

ރާއްޖޭގެ ކަނޑުތަކުން ފެންނަ ރީތި މަސްތަކުގެ ތެރޭގައި ނޫކާޅަކީ ވެސް ފާހަގަކޮށްލެވޭ މަހެކެވެ. މިމަސް އާންމުކޮށް ޑައިވަރުން އުޅޭ ނޫޅޭ ގޮތާމެދު އަޅާނުލާއިރު މިމަސް ބަލާލަން ފީނާއިރު ވިސްނަން ޖެހޭ ކަމަކީ މިމަހުގެ ތޫނު ކަށިތަކާ ދަތްތަކާ މެދުގަ އެވެ. ވިހަގަދަ ނޫނަސް މިމަހަކީ ފުން ޒަހަމްތައް ދިނުމުގެ ގާބިލުކަން ހުރި މަހެކެވެ.

ރާއްޖޭގެ ކަނޑުތައް ބަލާލަން ފީނާ މީހުންނާއި ފަޅުތަކާ ފަރުތަކުގައި ސްނޯކަލް ކުރާ މީހުން ސަމާލުކަން ދޭންވީ މިކަހަލަ މަސްތަކާ ބެހޭ މައުލޫމާތު ސާފުކޮށްގެން އޭގެން އަނިޔާއެއް ލިބުމުގެ ކުރިން އޭގެން ރައްކާތެރިވުމެވެ. އަދި މި އެއްޗެއްސަށް އަނިޔާކޮށް މެރުމަކީ ވެސް ވަރަށް މަދުން ނަމަވެސް ހިނގާ ވަރަށް ހިތާމަވެރި ކަމެކެވެ. މިކަހަލަ ދިރުންތައް ބަލާލަން ރާއްޖެ ޒިޔާރަތްކުރާ މީހުންނަށް މި ރިތިކަން ފެނުމުގެ ފުރުސަތު ނަގާލައިގެން ނުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355