ކުޅުދުއްފުށީގެ ވެކްސިން ޖެހޭ އާބާދީގެ 70 ޕަސެންޓް މީހުން ކޮވިޑް-19 ދިފާއު ވެކްސިން ފުރިހަމަ ކޮށްފި އެވެ. ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، ކުޅުދުއްފުށީގެ 18 އަހަރުން މަތީގެ 70 ޕަސެންޓް މީހުން ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށިން ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 80 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. ކުޅުދުއްފުށީގެ ވެކްސިން ޖެހޭ އާބާދީގައި 6831 މީހުން ހިމެނޭއިރު ކުޅުދުއްފުށިން ވެކްސިން ފުރިހަމަ ކޮށްފައިވަނީ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 4785 މީހުންނެވެ.
ކުޅުދުއްފުށިން ޖުމްލަ 10721 މީހުން ވެކްސިން ޖަހާފައިވާއިރު ފުރަތަމަ ޑޯޒް 5936 މީހުން ޖަހާފައިވެ އެވެ. ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައިވާއިރު ކުޅުދުއްފުށީގައި ކޮވިޑްގެ ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ.
އެގޮތުން ފާއިތުވި 16 ދުވަސްތެރޭ 912 ރެންޑަމް ސާމްޕަލް ކުޅުދުއްފުށީ ސިޓީން ނެގިފައިވާއިރު އޭގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 3 ސާމްޕަލް އެވެ.
އަދި އެ މުއްދަތުތެ ރޭގައި 68 ފުރަބަންދު ސާމްޕަލް ނެގިފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 3 ސާމްޕަލް އެކެވެ. ހަމަ މި މުއްދަތުގެ ތެރޭ ކޮންޓެކް ޓްރޭސިންގެ ތެރެއިން 376 ސާމްޕަލް ޓެސްޓް ކުރެވުނު އިރު ޕޮޒިޓިވް ވީ 52 ސާމްޕަލެވެ. އަދި މި މުއްދަތުގައި ކޮވިޑް ބަލީގެ އަލާމާތްތައް ހުރެގެން ރިޕޯޓް ކޮށްގެން ނުވަތަ ފުލޫ އޯޕީޑީއަށް ވަޑައިގެން 107 ސާމްޕަލް ނެގިއިރު ޕޮޒިޓިވް ވެފައިވަނީ 8 ސާމްޕަލެކެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރު)ގެ ކޮވިޑް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 16 ދުވަސް ތެރޭ ކުޅުދުއްފުށިން ޖުމްލަ 1463 ސާމްޕަލް ނެގިފައިވާއިރު، އޭގެ ތެރެއިން ޖުމްލަ ޕޮޒިޓިވް ވެފައިވަނީ 66 ސާމްޕަލެކެވެ.
ކުޅުދުއްފުށީގައި މިވަގުތު ކޮންޓެކްޓުންގެ ގޮތުގައި 182 މީހުން ފާހަގަ ވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 56 މީހެކެވެ. 10 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށްވެސް ވަނީއެދިފަ އެވެ.