ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ރެހެންދި ސުކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުން ކޮށްދެއްވީ އަގުނުކުރެވޭ ބޮޑު ޖިހާދެއް ކަމަށާއި ކޮވިޑްގެ ކުރިން ވެސް ޓީޗަރުންނަކީ ބުރަ މަސައްކަތެއް ކުރައްވާ ބައެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި އެންމެ ބޮޑު ބުރައެއް އުފުލަނީ ޓީޗަރުން ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ފައިސާ ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު އާންމު އުސޫލުން ކިޔެވުން ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިއަދު އާންމު ހާލަތުގައި ކިޔެފުން ފެށޭތީ އުފާކުރައްވާކަމަށާއި ހާލަތު އެންމެ ގޯސްވި ދުވަސްކޮޅުވެސް ދަރިވަރުންގެ ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޓީޗަރުން ކުރެއްވީ އަގުނުކުރެވޭ މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ދިރާސީ އަހަރު ކުރެވުނު އެންމެ މުހިއްމު ތަޖުރިބާ އަކީ ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް ތައުލީމު ހާސިލްކުރެވޭނެ ކަމެވެ. އަދި ތައުލީމު ހޯދުމަށް ހުރިހާ ދަރިވަރުން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.