twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިވެހި ބައެއް ދޫނިތަކާ ބެހޭ މައުލޫމާތު ކޮޅެއް ބޭނުންތަ؟ އަވަހަށް މި ލިޔުން ކިޔާލާ!

މުޙައްމަދު އަހުމަދު
Aug 11, 2021

ދޫންޏޭ ބުނުމުން ގިނަ ބައެއްގެ ހިތަށް އަންނާނީ ލަވްބާޑާ، ޕިންޗަރާ، މަކާއު އަދި ކޮކްޓެއިލް ކަހަލަ ދޫނިތަކެވެ. ނަމަވެސް ދޫނި އާއިލާ އަކީ މިއަށްވުރެ ބިޔަ، ބޮޑު އާއިލާއެކެވެ.

ދިވެހި ރާއްޖޭގެ 90 ޕަސެންޓަކީ ކަނޑެވެ. އެންމެ ޕަސެންޓެއް އެއްގަމުގެ ގޮތުުގައި އޮންނަ މިކުޑަ ކުޑަ ގައުމަކީ އިންޑިއާ ކަނޑުގައި އޮންނަ އައިލެންޑް ނޭޝަން އެކެވެ. ދިވެހި ބަހުން ބުނާނަމަ ޖަޒީރާ ގައުމެކެވެ. މިއީ ދިވެހިންވެސް ފަހުރުވެރިވާ ކަމެކެވެ. ރާއްޖޭގެ ރީތިކަން ބަލާލަން ބޭނުން އެތައް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެ އެވެ.

ދުނިޔެމަތީގައި އޮތް އެންމެ ރީތި ތަނުގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ބުނާ މި ކުޑަ ކުޑަ ގައުމަށް ކޮންމެ އަހަރަކު އެތައް ބަޔަކު ޒިޔާރަތްކުރެ އެވެ. ރީތި މޫދުތަކާއި ގޮނޑުދޮށްތަކުގެ ސަބަބުން މަޝްހޫރު މި ރާއްޖެ އަކީ އެތަނަށް ހާއްސަ ދޫނިތައް ވެސް އުޅޭ ގައުމެކެވެ. އެގޮތުން ރާއްޖޭގައި 160 އާ 180 އާ ދެމެދުގެ އަދަދަކަށް އެކިކަހަލަ ތަފާތު ދޫނި އުޅެ އެވެ.

ރާއްޖޭގެ ކުޑަކަމާއި އެތަނުގައި ހުންނަ ފިނޮޅުތައް ކުދި ނަމަވެސް ފިނޮޅުތައް ގިނަވުމަކީ ރާއްޖޭގެ މޫދު ދޫނި އެންމެ ގިނަވާ ސަބަބެވެ. ހިކިފަސް ތަންތާ އުޅޭ ދޫންޏަށް ވުރެ މޫދު ދޫނި ނުވަތަ ސީ ބާޑް މާބޮޑަށްވެސް ރާއްޖޭގައި ގިނަ އެވެ.

އެގޮތުން ތިރީގައި މިވަނީ ރާއްޖެއަށް ނިސްބަތްވާ 4 ދޫންޏެކެވެ.

1. ކަނބިލި: ދިވެހިރާއްޖެއަށް ނިސްބަތްވާ ވައިޓް ބުރެސްޓެޑް ވޯޓަރ ހެން ނުވަތަ ދިވެހި ބަހުގައި ކަނބިއްޔަކީ މިހާރު ނެތެމުންދާ ދޫންޏެކެވެ. ރާއްޖޭގެ ވަކި ސަރަހައްދަކަށް ހާއްސަ ނޫން ހުރިހާ ސަރަހައްދަކުން ފެންނަ ކަނބިއްޔަކީ އޭގެ ހަކަތަ އާއި ސަކަ މިޒާޖުގެ ސަބަބުން މަޝްހޫރުވެފައިވާ ދޫންޏެކެވެ. ކަނބިއްޔަކީ އަތުލާކަށް ފަސޭހަ ދޫންޏެއް ނޫނެވެ. ވަރަށް ބާރަށް ދުވާ މިދޫނި އަތުލެވޭނީ ވަރަށް ކުޅަދާނަ ހުނަރުވެރި މީހަކަށެވެ.

ކަނބިއްޔަކީ އޭގެ ގައިގައި ވަރަށް ގަދަ އަޅި ފާޑުގެ ކުލައެއް ހުންނަ ހުދުކުލައިގެ މޫނަކާއި ކަރެއް އަދި ބުރެސްޓެއް ލިބިފައިވާ ދޫންޏެކެވެ. އޭގެ ބަނޑުދަށުގައި ހުންނަނީ މުށިރަތް ކުލަ އެވެ. އޭގެ ފައިގައި ހުންނަނީ ރީނދޫ ކުލަ އެވެ. މިއީ ވަރަށް ކުޑަ ދޫންޏެކެވެ. ދުވެލި ބާރުވުމުގެ އިތުރަށް ހުންނަ ސައިޒުގެ ސަބަބުން ވެސް މިދޫނި އަތުލަން ވަރަށް އުދަނގުލެވެ.

މިދޫންޏަކީ ވަރަށް ތަފާތު އަޑެއް ދެއްވާފައިވާ ދޫންޏެކެވެ. މިދޫނީގެ އަޑު ދޫނި ފެނުމުގެ ކުރިން އިވޭނެ އެވެ. މިއަޑަކީ ބުނެދޭން ވެސް އުދަނގޫ އަޑެކެވެ. މިއަޑު އާންމުކޮށް އިވޭނީ ފަތިހު ފަތިހާ ނޫނީ އިރުއޮއްސޭ ވަގުތުގަ އެވެ.

2. ހުވަދޫ ރާބޮނދި: އިނގިރޭސި ބަހުން ބުނާނަމަ މޯލްޑިވިއަން ޕޮންޑް ހެރޮން އަކީ ވެސް ރާއްޖޭން ގެއްލިދާނެ ކަމުގެ ބިރުހީވެފައިވާ ރީތި ދޫންޏެކެވެ. ރާއްޖޭގައި އުޅޭ ރާއްޖެއަށް ނިސްބަތްވާ މަދު ދޫނިތަކުގެ ތެރޭގައި ހިމެނޭ މި ދޫންޏަކީ ކުރު ކަރެއް ލާފައި ދިގު ފަލަ ތުންގަނޑެއް އޮންނަ ދޫންޏެކެވެ.

މިދޫނި އާންމުކޮށް ފެންނަނީ ޗަކަ ފެންގަނޑުތަކާއި ކުޅިތަކުންނެވެ. އޭގެ ދިގު ތުންގަނޑުގެ ސަބަބުން އިންޑިއަން ޕޮންޑް ހެރޮންއާ ތަފާތުކޮށްދެ އެވެ. އޭތި އާންމުކޮށް ކަނީ މަހާ އިންސެކްޓްސް ކަހަލަ އެއްޗެއްސެވެ. އޭތި އާންމުކޮށް އެއްފަހަރާ އަޅާނީ 3 ނުވަތަ 5 ބިހެވެ. އަދި އެބިސްތައް ވިހަން 18 އާ 24 ދުވަހުގެ މުއްދަތެއް ހޭދަވެ އެވެ. ރާއްޖޭގައި އޭތި ބިސްއަޅާ ހަދަން އެންމެ ނަމޫނާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވެނީ ފުވައްމުލަކުގައި އޮންނަ ދަޑިމަގު ކިޅި އާއި ބަންޑާރަ ކިޅި ކަހަލަ ތެތް ޗަކަ ބިންތަކާ ފެންގަނޑު ތަކެވެ.

3. ދިވެހި ރާބޮނދި: ދިވެހި ރާބޮނދި ނުވަތަ މޯލްޑިވިއަން ލިޓްލް ހެރޮން އަކީ ވެސް ފާހަގަކޮށްލެވޭ ދޫންޏެކެވެ. މިހާރު މިދޫނި ފެންނަލެއް ވަރަށް މަދެވެ. މީޗަށް ލިޓްލް ހެރޮން ކިޔަނީ މީތި ޖާނުން ކުޑަވީމަ އެވެ. ގަދަ އަޅިކުލައިގެ ބުރަކައްޓަކާ މުށިރަތް ކުލައިގެ ކަރެއް އަދި ކަޅުފެހި ފާޑު ކުލައެއްގެ ތޮތްޕަކާ އެކިކަހަލަ ތަފާތު ސިފަތައް މިދޫންޏަށް ދެއްވާފައިވެ އެވެ.

11 ޖުލައި 1999 ން ފެށިގެން ރާއްޖޭގައި މިދޫނި ވަނީ ހިމާޔަތްކުރެވިފަ އެވެ. މިދޫނި މަދުވާން ދިމާވަނީ އޭތި އުޅޭ ވެށި ހަލާކު ކުރުމުންނާއި އިންސާނުންގެ ދުއްތުރާލައި ހެދި އެވެ.

4. ކޮވެލި: ކޮވެއްޔަކީ ނުވަތަ އިނގިރޭސިން އޭޝިއަން ކޮއެލް އަކީ ރާއްޖޭގައި ވަރަށް އާންމު އެއްޗެކެވެ. ބައެއް ފަހަރަށް މީހުންނަށް ދުއްތުރާލަކަށް ވާ މިދޫންޏަކީ ވެސް ތަފާތު ދޫންޏެކެވެ. މި ދޫނީގެ ހާއްސަ ކަމަކީ ކާޅުގެ ހާއްޔަށް ބިސް އެޅުމަށްފަހު ފިލުމެވެ. އަދި އޭތީގެ ދަރިން ބަލާ ބޮޑު ކުރަނީ ވެސް ކާޅެވެ.

ބިސްއަޅާ ދުވަސްވަރު ކޮވެއްޔަކީ ވަރަށް ބާރަށް ގޮވާ އެއްޗެކެވެ. ފިރިހެން ކޮވެލީގައި ހުންނަނީ ބުލޫއިޝް ބުލެކް ކުލައެކެވެ. ނަމަވެސް އަންހެން ކޮވެލީގައި ހުންނަނީ ޗޮކްލެޓް ކުލަ އެވެ. ހުދު ކުލައިގެ ފާޑެއްގެ ތިކިތަކެއް އޭތީގެ ފިޔަގަނޑުގައްޔާއި ބުރަކަށީގައި ހުންނައިރު އޭގެ ނިގުލުގައި ވަރަށް ގަދައަށް ރޮނގު ދަމާފައި ހުރެ އެވެ.

ފެހިކުލައެއް ތުންގަނޑުގައި ހުންނަ މިދޫނީގައި އިންނަނީ އަޅި ފައެކެވެ. ފިރިހެން ކޮވެއްޔާއި އަންހެން ކޮވެލި ގޮވާ އަޑުވެސް ވަރަށް ތަފާތެވެ. ފިރިހެން ކޮވެލި ގޮވަނީ "ކޫ ކޫ ކޫ" މިކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް އަންހެން ކޮވެލި ގޮވަނީ "ކީ ކީ ކީ" މިކަހަލަ އަޑަކުންނެވެ.

ނަމަވެސް މިހާރަކަށް އައިސް ވަރަށް ގިނަ ބަޔަކު ކޮވެލި ހިފާ އަޅުވެތިކޮށް ހައްޔަރުކޮށްގެން ގެންގުޅެ އެވެ. މިއީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. މިހެން ހެދުމުން ކޮވެލީގެ ނަސްލު ނެތި ދިއުމަކީ ވެސް އެހާ ދުރުގައިވާ ކަމެއް ނޫނެވެ.

މިހާރަކަށް އައިސް މިދޫނިތައް ފެންނަލެއް މަދެވެ. މިހެން ދިމާވަނީ އިންސާނުންގެ ދުއްތުރާލައިވެސް ހެދި އެވެ. މިދޫނިތަކުގެ ރީތި އަޑުތައް އިވުމަކީ ދެއްވާފައި ނިއުމަތެކެވެ. ނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން މިދޫނިތައް މިވަނީ ނެތި ދިއުމުގެ ބިރު ހީވެފަ އެވެ. މިހެން ކަންތައް ނުކުރަމާ ހެއްޔެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355