twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަނބި އުފުލުން، މިއީ ބައިނަލްއަގްވާމީ ކުޅިވަރެއްކަން އެނގޭތަ؟

މުޙައްމަދު އަހުމަދު
Aug 11, 2021

އަނބި އުފުލުން ނުވަތަ ފިނިޝް ބަހުން ބުނާނަމަ އީކޮންކަންޓޯ އަކީ ބައިނަލްއަގްވާމީ މުބާރާތެއްގެ ގޮތުގައި ކުޅެވެމުން އަންނަ ކުޅިވަރެކެވެ. ނަމަވެސް މިއީ އެހާ އަޑުއިވޭ ކުޅިވަރެއް ނޫނެވެ.

ރޭހެއްގެ ގޮތުގައި ބާއްވާ މިކުޅިވަރުގައި އަންހެން މީހާ އުފުލައިގެން ފިރިހެން މީހާއަށް ވަކި ހާއްސަ އުދަނގޫ ހުރަސްތަކެއް އެކުލެވޭ ޓްރެކެއްގައި ދުވަން ޖެހޭނެ އެވެ. މިއަށް ކިޔަނީ އޮބްސްޓެކްލް ޓްރެކެވެ.

މީގެ މަގްސަދަކީ އަންހެން މީހާ އުފުލައިގެން އެ އޮބްސްޓެކްލްތައް ހުރަސް ކުރުމެވެ. އެންމެ އަވަހަށް ނިންމާ މީހަކަށް މިރޭހުން އެއްވަނަ ލިބޭނެ އެވެ. މިކުޅިވަރު ފުރަތަމަ ތައާރަފްވެގެން އައިސްފައިވަނީ ފިންލޭންޑްގެ ސޮންކަޔަރަވީގަ އެވެ.

އަންހެން މީހާ އުފުލާއިރު އެކިކަހަލަ ގޮތްތައް ނުވަތަ ޓެކްނީކްތައް މިކުޅިވަރުގައި ބޭނުން ކުރެވެ އެވެ. އެގޮތުން އެންމެ އާންމު ޕިގީބެކް ޓެކްނީކް ވެސް ބޭނުންކުރެވެ އެވެ. ޕިގީބެކަކީ ކޮނޑަށް އަރުވައިގެން ކޮނޑުގައި އަންހެން މީހާގެ އަތް އަޅުވައި ފިރިހެން މީހާގެ އަތް އަންހެން މީހާގެ ފައިގައި ހިފަހައްޓައިގެން އުފުލުމެވެ. މިއީ އެންމެ އާދައިގެ ގޮތެވެ.

ފަޔާ މޭންސް ކެރީ ނުވަތަ ކޮނޑުމަތިން އުފުލުމަކީ ވެސް މިކުޅިވަރުގައި ބޭނުންކުރެވިދާނެ އަދި ބޭނުން ކުރެވެމުން އަންނަ ގޮތެކެވެ. މިކަން ކުރަނީ ފިރިހެން މީހާގެ ކޮނޑާއި ކަނދުރާ މައްޗަށްވާ ގޮތަށް ހުރަހަށް އަރުވައިގެން އުފުލުމެވެ.

އާންމުކޮށް މިކުޅިވަރުގެ މުބާރާތްތަކުގައި ބޭނުންކުރާތަން ފެންނަ ވަރަށް ތަފާތު ސްޓައިލެއް ވެސް އޮވެ އެވެ. އެއީ އެސްޓޯނިއަން ސްޓައިލެވެ. މިއީ އަންހެން މީހާ ފިރިހެން މީހާގެ ބުރަކަށީގައި އެކޮޅުކޮޅުން އޮވެ ފިރިހެނާގެ ކަރާއި ކޮނޑުމަތިން ފައިގެންގޮސް އަޅުވައިގެން އޮތުމެވެ.

އީކޮންކަންޓޯ ނުވަތަ އަނބި އުފުލުން އުފެދިގެން އައީ ފިންލޭންޑުގަ އެވެ. ތުންތުން މަތިން ދެކެވޭ ވާހަކަތަކުން ނުވަތަ ޓޭލްސްތަކުން ބުނާ ގޮތުގައި މިކަން ފެށުނީ ހާރކޯ ރޮސްވޯ ރޮންކައިނެން ކިޔާ މީހެއްގެ ސަބަބުންނެވެ. 1800 ގެ ފަހުކޮޅުގައި މިމީހާއަކީ ވަގެއްގެ ގޮތުގައި ފާހަގަވެފައި އޮންނަ މީހެކެވެ. އޭނާގެ ގޭންގާއެކު ވިލެޖުތަކަށް ގެއްލުންދެމުން މީނާ ދުވާއިރު މިކަހަލަ ސަބަބަކުން މިކުޅިވަރު ފެށުންކަމަށް ވާހަކަދެކެވޭ ތިން ގޮތެއް އެބައޮތެވެ. ތިރީގައި މިވަނީ އެގޮތްތަކެވެ.

ފުރަތަމަ ގޮތަކީ ރޮސްވޯ ރޮންކައިނެން އާއި އޭނާގެ ވަގުންގެ ގޭންގުގެ މައްޗަށް އެމީހުން ދިރިއުޅޭ ވިލެޖު ސަރަހައްދުން ކާއެއްޗެއްސާއި އަންހެނުން ވަގަށް ނެގައި ކޮނޑު މައްޗަށް ލައިގެން ދުވެ ފިލާކަމުގެ ތުހުމަތުކުރެވިގެންނެވެ. އެހެން ކަމުން އަނބި/އަންހެނުން އުފުލުން މިހެންކަމަށް ބުނެވެ އެވެ.

ދެވަނަ ގޮތަކީ ޒުވާނުންތައް އަވައްޓެރި ވިލެޖުތަކުގައި އުޅޭ ކައިވެނިކޮށްފައިވާ އަންހެނުން ގަދަކަމުން ގެންގޮސް ނުރުހުމުގައި ކައިވެނިކުރުވުމުންނެވެ. މިމީހުން ގެންދިޔައިރު ވެސް ގެންގޮސްފައިވަނީ ކޮނޑަށް އަރުވައިގެންނެވެ. މިކަން އޭރު "ދި ޕްރެކްޓިސް އޮފް ވައިފް ސްޓީލިންގް" ނުވަތަ "އަނބި ވަގަށް ނެގުމުގެ ތަމްރީނު" ގެ ގޮތުގައި ފާހަގަވެފައި އޮވެ އެވެ.

އެންމެފަހު ގޮތަކީ ރޮސްވޯ ރޮންކައިނެން އޭނާގެ ވަގުންގެ ގޭންގު އަންހެނުން ވަގަށް ނެގުމަށް އިތުރަށް ވަރުގަދަކޮށް ދުވެލި ބާރުކުރަން ތަމްރީނުކުރުމުގެ ގޮތުން އެމީހުން ލައްވާ ބޮޑެތި ބަރު ގޯނިތަކެއް އަރުވައިގެން ދުވަން ޖެއްސުމެވެ.

މިކުޅިވަރަކީ އާންމުކޮށް ޖޯކެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް މީގައި ބައިވެރިވާ މީހުން މިކުޅިވަރު ވަރަށް ސީރިއަސްކޮށް ނަގަ އެވެ. މިހާތަނަށް އަނބި އުފުލުމުގެ އެކި މުބާރާތްތައް މަޝްހޫރު އެތައް ގައުމެއްގައި ކުރިއަށް ގެންގޮސްފައި އެބަވެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އެމެރިކާ، ހޮންގް ކޮންގް، އިންޑިއާ، ޖަރުމަނު އަދި އިނގިރޭސިވިލާތް ހިމެނެ އެވެ. މިކުޅިވަރުގެ ކެޓަގަރީއެއް ދުނިޔޭގެ ރެކޯޑް ފޮތުގައި ވެސް އޮވެ އެވެ. މިކުޅިވަރަކީ އެންމެ އާންމުކޮށް ފިންލޭންޑާއި، ސްވިޑަން، އެސްޓޯނިއާ އަދި ލެޓްވިއާގައި ކުޅެވޭ ކުޅިވަރެކެވެ.

މިކުޅިވަރު ރޭސް ޖަހާ ޓްރެކަކީ އެންމެ ފުރަތަމަ ގާމަތީ ޓްރެކެއްގެ ގޮތުގައި އޮތް ތަނެކެވެ. ނަމަވެސް މިހާރު އެންމެފަހުގެ ހާލަތްތަކަށް އެކަށޭނެ ގޮތަށް މިތަން ވަނީ ތައްޔާރުކޮށްފަ އެވެ. ގަލާއި ފެންސާއި ފެންގަނޑު ލައިފައި ހުރި ސަރަހައްދުތަކަށް މިހާރު ހުންނަނީ ވެލި އަޅާފަ އެވެ.

އިންޓަނޭޝަނަލް ވައިފް ކެރީއިން ކޮމްޕެޓިޝަން ރޫލްސް ކޮމިޓީން މިކުޅިވަރަށް ކަނޑައަޅާފައިވާ ގަވައިދުތައް މިވަނީ ތިރީގަ އެވެ.

ފުރަތަމަ ކަމަކަށް މިރޭސް ޖަހާ ޓްރެކުގެ ދިގުމިނުގައި 253.5 މީޓަރު ހުންނަން ޖެހޭނެ އެވެ. ޓްރެކްގައި ހިކި ދެ އޮބްސްޓެކްލްއަކާ އެއް މީޓަރުގެ ފުންމިނެއް ހުރި ފެން އޮބްސްޓެކްލް އެއް އޮންނަން ވާނެ އެވެ.

އުފުލާ އަންހެން މީހާ އަކީ އެމީހެއްގެ އަނބިމީހާއަށް ވިއަސް ނުވަތަ އަވައްޓެރިއެއްގެ އަންބަކަށް ވިއަސް ނުވަތަ ކޮންމެވެސް ގޮތަކުން ދިމާވި އަންހެނަކަށް ވިއަސް މައްސަލައެއް ނެތެވެ. ނަމަވެސް އަންހެންމީހާއަށް އުމުރުން 17 އަހަރު ވާން ޖެހޭނެ އެވެ.

އުފުލާ އަންހެނާ އެންމެ ލުއިވެގެން ވެސް 49 ކިލޯ ހުންނަން ވާނެ އެވެ. 49 ކިލޯއަށް ވުރެން ލުއިވެއްޖެނަމަ އެއަންހެނެއްގެ ބުރަކަށީގައި 49 ކިލޯ ހަމަވަންދެން އިތުރަށް ބަރު އެލުވޭނެ އެވެ. ހުރިހާ ބައިވެރިން މިއިވެންޓްގައި އުފާކޮށް ސަކަރާތްޖަހާ މަޖާކޮށް ހަދަން ވާނެ އެވެ.

އުފުލާ މީހާއަށް (ފިރިހެންމީހާ) އިތުރަށް ބޭނުންކުރެވޭ އެއްޗަކީ ހަމައެކަނި ބެލްޓެކެވެ. އުފުލެވޭ މީހާއަށް (އަންހެންމީހާ) އިތުރަށް ބޭނުންކުރެވޭ ހަމައެކަނި އެއްޗަކީ ހެލްމެޓެކެވެ. ދެޕެއާ އެއްފަހަރާ ރޭސް ޖަހަންޖެހޭއިރު ކޮންމެ ހީޓެއް ވެސް އެގޮތަށް ޖެހުމުން ފޯރިގަދަވެ އެވެ.

ކޮންމެ ބައިވެރިއަކު ވެސް އެމީހެއްގެ އަމިއްލަ ރައްކާތެރިކަމަށް ބަލަން ޖެހޭނީ އަމިއްލައަށެވެ. އަދި ބޭނުން ޖެހިއްޖެނަމަ އިންސުއަރެންސް ވެސް ހެއްދޭނެ އެވެ. މުބާރާތް ހިންގާ ފަރާތްތަކުގެ އިރުޝާދުތަކަށް ސަމާލުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

1992 ން ފެށިގެން ކޮންމެ އަހަރަކު ވެސް ފިންލޭންޑްގައި އަނބި އުފުލުމުގެ ވޯލްޑް ޗެމްޕިއަންޝިޕް ބާއްވަ އެވެ. އަދި އެއްވަނަ ލިބޭނީ އެންމެ އަވަހަށް ނިންމާ ދެމަފިރިއަކަށް ނުވަތަ ޕެއާއަކަށެވެ. އަދި އެއްވަނަ ޕެއާ އަށް އަންހެންމީހާގެ ބަރުދަނާ އެއްވަރުގެ ބިޔަރު ފުޅިއެއް ލިބެ އެވެ. އެންމެ ރީތި ކޮސްޓިއުމާއި، އެޕެއާއެއްގެ ސަބަބުން އެންމެ މުނިފޫހިފިލި ޕެއާއާއި އެންމެ ވަރުގަދަ އުފުލި މީހާއަށް ވެސް ހާއްސަ އިނާމެއް ދެވިގެންދާނެ އެވެ.

ބަލާބެލުމަށް މިއީ ވަރަށް ފޯރިގަދަވާނެ މަޖާ ކުޅިވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355