ކުޅުދުއްފުށީގައި ދިރިއުޅޭ އާބާދީގެ 18 އަހަރުން މަތީގެ ފަރާތްތަކަށް އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.
ކޭއާރުއެޗުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިމަހު 13 ވަނަ ދުވަހު 18 މަތީގެ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެކްސިން ނުޖަހަ ތިބި ފަރާތްތަކަށް އެސްޓްރާޒެނެކާ ޖެހުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުން ކުރިއަށް ދާނީ މެންދުރުފަހު 14:00 ން ހަވީރު 16:00 އަށް އުފަން ހިޔަލުގައެވެ.
މީގެ އިތުރުން ސިނޮފާމް ވެކްސިންޖެހިތާ 4 ހަފްތާ ވެފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ޖެހުމަށްވެސް ވަނީ ހުޅުވާލާފައެވެ. ސިނޮފާމް ދެވަނަ ޑޯޒް ޖެހުން ކުރިއަށް ދާނީ 12 އޮގަސްޓްގެ މެންދުރު 12:00 ން 14:00 އަށް އުފަން ހިޔަލުގައެވެ.
އެ ހޮސްޕިޓަލުން ބުނީ ވެކްސިން ޖެހުމަށް ކިއު ނަންބަރު ދޫކުރަން ހަމަޖެހިފައި ނުވާކަމަށާއި، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަދި ވެކްސިން ޖަހަން އަންނަ ފަރާތްތަކުން ތަކުލީފުތައް ކުޑަކުރުމަށް ވެކްސިން ޖެހުމަށް ކުރިއަށް ކިޔޫ ނުހެއްދުމަށް އިލްތިމާސް ކޮށްފައެވެ.
ވެކްސިން ޖަހަން ދާއިރު، ފުރަތަމަ ޑޯޒްނަމަ ޖަހާ ފަރާތެއް ނަމަ އައިޑީކާޑު، ދެވަނަ ޑޯޒްނަމަ އައިޑީ ކާޑާއެކު ވެކްސިން ކާޑު ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިގުމުއްދަތަށް ބޭސް ބޭނުންކުރައްވާ ފަރާތެއްނަމަ ބޭސްސިޓީ ހިފައިގެން ދިއުމަށްވެސް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
މީގެ އިތުރުން ރޯގާއާއި، ހުމުގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކަމުގައި ވާނަމަ އެންމެންގެ ރައްކާތެރިކަމަށްޓަކައި ވެކްސިން ޖަހަން ނުދިއުމަށްވެސް ހޮސްޕިޓަލުން އިލްތިމާސްކޮށްފައި ވެއެވެ.
މިވަގުތު ކުޅުދުއްފުށީ ވެކްސިން ޖެހޭ އާބާދީގެ 75 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.