ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ނަފުރަތުގެ ބިލް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށެވެ. އިސްލާހުކުރަންޖެހޭ ކަންކަން އޭގައި ހުންނާނެ ކަމަށާއި ބައެއް ބިލްތައް މަޖިލީހަށް ފޮނުވުމަށް ފަހު، އަނބުރާ ގެނެސްފައި ވެސް ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބިލް މަޖިލީހަށް ފޮނުވި ފަހުން އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ވިސްނާލެއްވުމުން ބިލަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭ ކަން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންވެ ބިލްގެ ކޮމިޓީ މަރުހަލާގައި ސަރުކާރުން އިސްލާހުތަކެއް ހުށަހެޅި ކަމަށާއި ކޮމިޓީގައި ބައެއް އިސްލާހުތައް ގެނެސްފައި ހުރިކަން ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންވީމަ، އެ ބިލް ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއަށް ގެންނަންޖެހޭ އިސްލާހުތައް އަދިވެސް އެބަހުރި. އެ އިސްލާހުތަކާ އެކީގައި ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވި އެވެ.
ނަޝީދު މިިދިޔަ މަހުގެ 17 ގައި ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި އޮންނަންވާނެ ކަމަށެވެ. އަދި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުދައްކާ ނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ބިލު ކޮމިޓީއަށް އަނބުރާ ފޮނުވައިލަން ނިންމީ ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ އެހެން ފަރާތްތަކާ ވެސް އަލުން މަޝްވަރާކޮށް ބަދަލުތަކެއް ގެންނާށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ ކައުންސިލުންނާއި އެތައް ދީނީ އިލްމުވެރިން ވެސް އެ ބިލާ ދެކޮޅަށް ވާހަކަދައްކާފައިވާއިރު ދައުލަތުގެ ބައެއް އިދރާތަކުން ވެސް ބިލް ފާސްކުރުމާ ދެކޮޅު ހަދާފައިވެ އެވެ.