twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިވެހި ގައުމީ ދިދައާ ބެހޭގޮތުން އެނގެނީ ކިހާ މިންވަރަކަށް؟

މުޙައްމަދު އަހުމަދު
Aug 15, 2021
1

ދިވެހިރާއްޖޭގެ ގައުމީ ދިދައަކީ ކޮންމެ ދިވެއްސަކުވެސް އެދިދައަކަށް އިހްތިރާމް ކުރަންޖެހޭ އަދި އެހާމެ އެއެއްޗެއް ދެކެ ފަހުރުވެރިވާން ޖެހޭ ދިވެހިންގެ ރަމްޒެވެ.

ގައުމީ ދިދައަކީ ރާއްޖޭގެ ރަމްޒެވެ. ދިވެހިރާއްޖޭގެ ދިދަ އިންނަނީ ފެހިކުލައިގައި ރަތް ބޯޑަރެއް ލައިފަ އެވެ. އަދި ދިދައިގެ މެދުގައި ވާޓިކަލްކޮށް ހަނދުފަޅިއެއް އިނދެ އެވެ. އަދި ހަނދުގެ ލެއްޕިފައިވާ ފަޅި އިންނަނީ ދިދައިގެ ވިހުރޭ ފަޅިއަށެވެ.

ރާއްޖޭގައި އެންމެފަހުން މިބޭނުންކުރާ ގައުމީ ދިދަ ކަނޑައެޅުނީ 25 ޖުލައި 1965 ގަ އެވެ. ރާއްޖެ މިނިވަންވީ 26 ޖުލައި 1965 ގަ އެވެ.

ދިދައިގެ ބައިތަކާ އޭގެ ރަމްޒު:

1. ރަތް ދިގުއަކައިން (ރެޑް ރެކްޓޭންގަލް) ދައްކުވައިދެނީ ދިވެހިރާއްޖޭގެ ގައުމީ ބަތޮލުންގެ ކެރުމާއި ހިތްވަރާ ގައުމުގެ ދިފާއުގައި ކޮންމެ ލޭތިއްކެއްވެސް ގުރުބާންކުރުމަށް އެމީހުން އެދިގެން ކުރަން ތިބި މިންވަރެވެ.

2. ފެހި ދިގުއަކައިން (ގްރީން ރެކްޓޭންގަލް) ދައްކުވައިދެނީ އަމާންކަމާއި މިނިވަންކަމެވެ.

3. ހުދު ހަނދުފަޅިން ރަމްޒުކޮށްދެނީ ދިވެހިރާއްޖޭގައި އިސްލާމްދީނަށް އޮތް ލޮތްބާއި އިސްލާމީ ސަގާފަތަށް ކުރާ އިހްތިރާމެވެ.

ދިދައިގެ ތާރީހު:

ދިވެހިރާއްޖޭގައި ބޭނުންކުރެވުނު އެންމެ ކުރީގެ ދިދައަކީ ހުސް ރަތްކުލައިގެ ދިދައެކެވެ. ނަމަވެސް ފަހުން ދިދައިގެ އެއްކައިރިއަށް ހުދައި ކަޅު ހިމެނޭ ސްޓްރައިޕް ނުވަތަ ރޮނގުތަކެއް އިތުރު ކުރެވުނެވެ. އަދި އޭރު ކީ ނަމަކީ ދަނޑިމަތި މިހެންނެވެ.

މި ދިދަ ބޭނުން ކުރެވުނީ 20 ވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށެވެ. ނަމަވެސް އެހިސާބުން އަބްދުލް މަޖީދު ދީދީ އެދިދައަށް ހަނދުފަޅިއެއް އިތުރުކުރި އެވެ. އަދި ހަމައެއާއެކު ފެހި ދިގުއަކައިގެ ތެރެއަށް ހަނދުފަޅި ލައިފައި ތަފާތު ދިދައެއް ވެސް ހެދުނެވެ. މިބަދަލުތައް ގެނެވިފައި ހުރީ 1926 އާއި 1932 އާ ދެމެދު ބޮޑުވަޒީރު ކަމުގައި އަބްދުލް މަޖީދު ދީދީ ހުންނެވި ދުވަސްކޮޅުގަ އެވެ.

1953 ވަނަ އަހަރު ރާއްޖެވެގެންދިޔައީ ޖުމްހޫރިއްޔާއަކަށެވެ. އެއާއެކު ދިދައަށް އަނެއްކާވެސް ބަދަލު ގެންނަން ޖެހުނެވެ. ކުރިން ބޭނުންކުރި ދިދަ ވައްޓާލައި ހަނދުފަޅި އަނެއްފަޅިއަށް އެނބުރި އެވެ. ނަމަވެސް ފަހުން ކުރީގެ ދިދަ އަލުން ވުޖޫދަށް ގެނައުމުގެ ބަދަލުގައި މުހައްމަދު ފަރީދު ދީދީ ކުރެއްވި ކަމަކީ އާ ދިދައެއް އުފެއްދުމެވެ. އެއީ ހަނދުފަޅި ކައިރިއަށް 5 ތުނޑުލީ ތަރިއެއް އިތުރުކޮށްގެންނެވެ. މި ދިދަ މިހާރުވެސް ރަސްމީ ކަންކަމުގައި ރާއްޖޭގައި ބޭނުންކުރެވެ އެވެ.

1965 ވަނަ އަހަރު އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންވުމާއެކު ގައުމީ ދިދައިގައި ހުރި ކަޅާއި ހުދު ރޮނގުތައް ފުހެލެވުނެވެ. އަދި ދިދަ މިހާރު ދިދަ ހުރި ގޮތަށް ރުޖޫއަ ކުރެވުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355