twitterviber whatsapp telegramfacebookyoutube instagram
28th April 2024

އަމީރު އަމީން ސްކޫލް ހިންގުމަށް އެއްވެސް ފަރާތަކުން ކުރިމައްޗެއް ނުލި، އަލުން އިއުލާނު ކުރާނެ

ޚަދީޖާ އާދަމް
Aug 16, 2021
1

މާލީ ދަތިތަކާ ހެދި ހުއްޓާލި އަމީރު އަމީން ސްކޫލް ޕްރައިވެޓްކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މިދިޔަ ޖުލައި މަހު 27 ވަނަ ދުވަހު ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާކަމަށް އެކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ އެ އިއުލާނާ ގުޅިގެން 12 ފަރާތަކުން މައުލޫމާތު ސާފުކޮށްފައިވާކަމަށާއި އޭގެތެރޭގައި ރާއްޖޭގައި ޕްރިވެޓްކޮށް ސްކޫލްތައް ހިންގާ ފަރާތްތައްވެސް ހިމެނޭކަމަށެވެ. ނަމަވެސް އިއުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާކަމަށް މޭޔަރު ވިދާޅުވި އެވެ.

ބިޑް ހުށައަޅާފައިނުވާތީ މައުލޫމާތު ސާފުކުރި ފަރާތްތަކާއެކު ދިމާވި މައްސަލައަކީ ކޮބާތޯ ބަލައި މިހާރުވެސް މަޝްވަރާކުރެވެމުންދާކަން އާތިފް ފާހަގަކުރެއްވި އެވެ. އަދި އަލުން ބިޑަށް ހުޅުވާލާނެކަމަށާއި މި މަސް ނިމުމުގެ ކުރިން އަލުން އިއުލާނުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މޭޔަރު ވިދާޅުވި އެވެ.

އަމީރު އަމީން ސްކޫލުގައި ޕްލޭ ސްކޫލެއް ހިންގުމަށް އެ އިމާރާތާ ބިން ކުއްޔަށް ދިނުމަށް ހުޅުވާލައި އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ޕްލޭ ސްކޫލު ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމު ތަރައްގީކުރުމަށް އަމީރު އަމީން ސްކޫލްގެ ބިމާއި އިމާރާތް 20 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވަ ކަމަށެވެ.

ސްކޫލުގެ ކިޔެވުން ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު މާޗުގައި ހުއްޓާލުމަށްފަހު، ކިޔެވުން ކުރިއަށް ނުދާ މަސްތަކަށް ފީ ދައްކަން އެންގުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މާލީ ދަތިތަކުގެ ސަބަބުން އިތުރަށް ސްކޫލް ނުހިންގޭނެކަމަށް ނިންމާ ސްކޫލް ބަންދުކުރަން ނިންމީ އެ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައި ކުރީގެ ކައުންސިލުންނެވެ. އެއަށްފަހު އެ ސްކޫލް ޕްރައިވެޓްކޮށް ހިންގުމަށް ހުޅުވާލުމުގެ ވިސްނުން ގެންގުޅޭކަމަށް އެ ކައުންސިލުންވެސް ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355