ޕްލޭ ސުކޫލް ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްގީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
ކުރިން ކައުންސިލުން ހިންގަމުން އައި އެ ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލީ ކޮވިޑް-19އާއި ގުޅިގެން ދިމާވި މާލީ ދަތިތަކުގެ ސަބަބުން ކުރީގެ ކައުންސިލުންނެވެ. ނަމަވެސް އެ ސްކޫލު އަލުން ފެށުމަކީ ސިޓީ ކައުސިލުންގެ މިހާރު މޭޔަރުގެ ކެމްޕެއިން ވައުދެއްކެވެ.
ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ޕްލޭ ސުކޫލް ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްގީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 25 އަހަރު ދުވަހަށް ކުއްޔަށް ދިނުންމަށް ބޭނުންވާކަމަށެވެ.
އެގޮތުން މައުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި އެ އިދާރާއަށް ގުޅުމަށްވަނީ އެދިފަ އެވެ. އަދި ޕްރީ ބިޑިން އޮންނާނީ މި މަހު 6 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ މި މަހު 21 ވާ އަންގާރަ ދުވަހުގެ 10:30 އެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ މި މަހު 22 ވާ ބުރާސްފަތި ދުވަހުގެ 10:30 ގަ އެވެ.
އަމީރު އަމީން ޕްލޭ ސްކޫލެއްގެ ގޮތުގައި ހިންގުމަށް ފުރަތަމަ އިއުލާންކުރީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެފަހަރު 12 ފަރާތަކުން މައުލޫމާތު ސާފުކުރި ނަމަވެސް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައެއް ނުވެއެވެ. ދެވަނަ ފަހަރަށް އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައެވެ.
އަދި 3 ވަނަ ފަހަރު އިއުލާނު ކުރީ މިދިޔަ އަހަރުގެ އެޕްރީލް މަސްތެރޭގަ އެވެ. އެފަހަރު އިއުލާނުކުރުމުން ފްލޭ ސްކޫލުގެ ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމު ތަރައްގީ އަމީރު އަމީން ސްކޫލުގެ ބިމާއި އިމާރާތް މެދުރި ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ މިދިޔަ 2022 ވަނަ އަހަރު ސެޕްޓެމްބަރުމަހު އެވެ.
އަމީރު އަމީން ސްކޫލުގައި ޕްލޭ ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން ގިނަ އިއުލާނުތަކެއް ކުރި ފަހުން އެކަމަށް ޝައުގުވެރިކަންފާޅުކުރި މެދުރި ޕްރައިވެޓް ލިމިޓެޑާއި ސިޓީ ކައުންސިލާ ދެމެދު އެގްރިމެންޓް ހެދީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް މެދުރި ޕްރައިވެޓް ލިމިޓެޑުން އެދިގެން ޕްލޭ ސްކޫލުގެ އެގްރިމެންޓް ވަނީ މިދިޔަ އެޕްރީލް މަހު ބާތިލުކޮށްފަ އެވެ.