އެއާޕޯޓަށް ނެގި ގެތަކުގެ ބަދަލުކުރުމުގެ ކަންކަން ދިޔައީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުﷲ (ރޯޒޭ) ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެއާޕޯޓް ހެދުމަށް ނެގި ގެތަކުގެ ތެރެއިން މިހާތަނަށް ބިން ހަމަޖެހިފައި ނުވާ ޑޭޒީވިލާއަށް ބަދަލުގެ ގޮތުގައި ދޭނެ ބިން ކަނޑައެޅުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރޯޒޭ ވިދާޅުވީ ގެތައް ބަދަލު ކުރުމުގެ ކަންކަން ދިޔައީ އެންމެ އިންސާފުން ނޫންކަން ރަށުގެ ހުރިހާ ރައްޔިތުންނަށްވެސް އެނގޭނެކަމަށެވެ.
"އެބޭފުޅުންނަށް ވަރަށް ގިނަ ދުވަސް ވަންދެން ހަބަރެއް ނުވެފަ އެތަން ހުސްކުރަން ބުނީވެސް ހަފްތާއަކަށް ވީފަހުން. ވަރަށް ގިނަ ކަންކަތައްތަކެއް އިންސާފުގެ ހަމައިން ނެއްޓިގެން ގޮއްސަ ހުރިކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން." ރޯޒޭ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެންމެ އިންސާފުވެރި ބަދަލެއްކަމަށް ދެކެނީ އެއިރުގައި އެތާހުރި ގޯތިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ އެއިރުގެ ގޯތި ހުރި ގޮތަށް ރިއާޔަތްކޮށް ދެ މަގު ގޯއްޗެއްނަމަ ދެ މަގު ލިބޭގޮތަށް އަދި އެއް މަގު ގޯޗެއްވިއްޔާ އެގޮތަށް ގެތަށް ކަނޑައެޅިގެން ދިއުން ކަމަށެވެ.
އެކަންކަމަށް ރިއާޔަތްނުކޮށް ޕްލޮޓްތައް ކަނޑައެޅިފައި އެހުރީ ސީދާ ކިހިނެތް ވެގެންކަމެއް ނެނގޭކަމަށާއި އެހެންނަމަވެސް ކުރިން ދެމަގު އިން ގޯއްޗަކަށް ހަމަ އެގޮތަށް ދެމަގު ނެގެން ހުރި ތަންތަނުން އެހެން ގެތަކަށް ޕްލޮޓްތައް ކަނޑައަޅާފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ރޯޒޭ ވިދާޅުވި އެވެ.
"އެގޮތަށް ޕްލޮޓްތައް ކަނޑައެޅެން ފުރުސަތުވެސް އޮތޭ އެހެންވީމަ އެގޮތަށް އެއިރުގައި ނުހެދިފަ އެއޮތީ، އެއިރު ކަންކަން ގޮއްސައެ ހުރީ އެއްވެސް ވަރަކަށް އިންސާފަކުން އެބޭފުޅުންގެ ހައްގުތައް ބަލައިގެނެއް ނޫންކަން ފާހަގަ ކުރަން." ރޯޒޭ ވިދާޅުވި އެވެ.